ދަޢުވާގެ ދެފަރާތުން ހެކިން ހާޒިރުކޮށްދޭނެ ކަމުގެ ޔަޤީންކަންދޭ ޙާލަތުގައި، އެމައްސަލައެއްގައި މެދުނުކެނޑި ޝަރީޢަތްކުރުމަށް (ކޮންޓިނިއުސް ހިއަރިންގ ބޭއްވުމަށް) ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަޢުވާ ލިބޭ ކޮންމެ މީހެއްގެ މައްސަލައެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކޮށް، މައްސަލަ ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކުރާ ‘މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުން’، އެ މަފްހޫމްގެ ދަށުން މައްސަލަތައް އިތުރަށް އަވަސްކޮށް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ އާންމު މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގައި މިވަގުތު މަސައްކަތްކުރައްވާ ނުވަ ޤާޟީން ތިއްބެވިއިރު، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިއްބަވާ ޤާޟީން ފިޔަވައި، ކޮންމެ ޤާޟީއަކު ކޮންމެ ދުވަހަކުވެސް އާންމު ގޮތެއްގައި އެވްރެޖްކޮށް 8 މައްސަލަ ތާވަލްކުރައްވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރެވޭ މީހުންގެ މައްސަލަތައް ބެލުމާއި، ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަކީވެސް ޤާޟީން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ބުނީ މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުމަކީ މިހާރުވެސް އެ ކޯޓުން ބަލާ މައްސަލަތަކުގައި ޢަމަލުކުރެވެމުންދާ ގޮތް ކަމަށެވެ. އެގޮތުން މައްސަލައިގެ ޝަރީޢަތުގެ ދެ އަޑުއެހުމުގެ ދޭތެރޭގައި މާގިނަ މުއްދަތެއް ހޭދަނުވާ ފަދައިން އަޑުއެހުންތައް ތާވަލްކޮށްގެން ކުރިއަށްގެންދާ ކަމަށް ކޯޓުން ބުނެއެވެ.
“މީގެ އިތުރުން މައްސަލަތައް އަދިވެސް އިތުރަށް އަވަސްކޮށް ނިންމުމަކީ، ދަޢުވަ ލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތަށް އަދި މުޅި މުޖުތަމަޢުއަށް އެކަމުގެ ފައިދާ ލިބިގެންދާ ކަމެއް ކަމުގައި ޤަބޫލުކުރެވޭތީ، “މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުން” (ކޮންޓިނިއުސް ހިއަރިންގ) އިތުރަށް ތަރައްޤީކޮށް އެކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ކްރިމިނަލް ކޯޓުން ދަނީ ބަލަމުންނެވެ.”، އެ ބަޔާނުގައި ވެއެވެ.
އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވަ ލިބޭ ފަރާތާއި ލިޔެކިޔުންތައް ހަވާލުކުރުމަށްފަހު، މައްސަލައިގައި އިފްތިތާޙީ އަޑުއެހުމެއް ބާއްވައި، ދަޢުވާ ލިބޭ ފަރާތުން ދަޢުވާއާމެދު ޖަވާބުދާރީވާ ގޮތަކަށް ބަލައި، ދަޢުވާ އަށް އިޢުތިރާފްވާ މައްސަލަތައް އަވަސް ނިޔާ އަށް ފޮނުވައި، ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އިޢުތިރާފް މައްސަލަތައް ޙުކުމްކޮށް ނިންމޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުން ބުނީ ދަޢުވާއަށް އިންކާރުކުރާ މައްސަލަތަކުގައި ދަޢުވާގެ ދެފަރާތަށްވެސް ހެކިން ހާމަކުރުމަށް ފުރުސަތު ދިނުމަށްފަހު، ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލައި މައްސަލަ ކުރިއަށް ގެންދިއުމާމެދު ޤާޟީ ގޮތެއް ނިންމާނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ދެފަރާތުންކުރެ ފަރާތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅަ ހުށަހެޅުމެއް އޮތްނަމަ، އެކަމަށް ފުރުސަތު ދިނުމަށްފަހު ދަޢުވާ ކުރިއަށްގެންދިއުމަށް ހުރަސްއަޅާ އިތުރު ސަބަބެއް ނެތްނަމަ ދެން ކުރިއަށްގެންދާނީ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.
އެގޮތުން ދެ ފަރާތުން އެއްބަސްވާނަމަ، ހެކިންގެ ހެކިބަސް ނެގުން އެއް ދުވަހެއްގައި މެދުނުކެނޑި ކުރިއަށްގެންދާ އެއް އަޑުއެހުމުގެ ގޮތުގައި ބޭއްވޭނެ ކަމަށާއި، ދަޢުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނަގައި ނިމުމުން ހަމަ އެ ޝަރީޢަތަށް ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގޭނެ އެވެ. އަދި ހެނދުނު ހެކިބަސް ނެގުމަށް ފަށާގޮތަށް، ހެކިބަސް ނެގުން ދިގުލައިގެން ގޮސްފިނަމަ، މެންދުރު ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ހެކިބަސް ނެގުން ކުރިއަށްދާނެ އެވެ. އެ ދުވަހުގެ ރަސްމީ ގަޑި ނިމޭއިރުވެސް ހެކިބަސް ނަގައި ނުނިމޭނަމަ، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ހެކިބަސް ނެގުން ކުރިއަށްދާނެ އެވެ.
އެގޮތަށް ހެކިންގެ ހެކިބަސް ނަގާ ނިމުމަށްފަހު، ދެ ފަރާތުން އެއްބަސްވާނަމަ ޚުލާސާ ބަޔާން އެދުވަހު ހުށަހެޅިގެންދާނެ އެވެ. އަދި ދެފަރާތުން ޚުލާސާ ބަޔާން އިއްވުމަށްފަހު، އަޑުއެހުން ނިންމާލިތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމް ކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ކޯޓުން ބުނެފައި ވެއެވެ.
އަދި އެގޮތަށް މެދުނުކެނޑި ޝަރީޢަތް ނިންމުމުގައި ކަމާބެހޭ އިދާރާތުގެ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.