English Edition
Dhivehi Edition

ތަރިރުހަނދު އުދައަސްތަވުމާއި އުފެދުމާއި ފަނާވުމަކީ ދުނިޔެ ދައްކާ އެންމެ ބޮޑު ހަގީގަތެވެ. މި ހަގީގަތާ އެއްގޮތަށް އިންސާނުން މިހަމައަށް ބޯލެންބުމަކީ ދުނިޔޭގެ ގާނޫނެވެ. މިއުސޫލުގެ މަތިން ސިކުންތުތަކާއި މިނިޓްތައް، ގަޑިތަކާއި ދަންތައް، ދުވަސްތަކާއި ހަފުތާތައް މަސްތަކާއި ހަރުތައް ޒަމާނުގެ ބަނޑުދަށުގައި ފަތްޖެހެމުން ދެއެވެ. މިއިން ކޮންމެ ބަދަލުވުމަކީ އުފެދުމާއި ނެތިދިއުން އޭގައި އޮންނަ ކަމެކެވެ. މި ހަގީގަތުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑުކޮށް ފެންނަނީ އިންސާނާ އެވެ.

މިކަންކަން ތަޖުރިބާކުރަން ޖެހެނީ އިންސާނާއެވެ. މިކަންކަމުގެ ނަތީޖާއާ ކުރިމަތިލަނީ އިންސާނާއެވެ.

އަދުގެ އިންސާނާ ތަރިތަކުގެ އާލަމަށް ދަތުރުކުރިއަސް ދުނިޔޭގެ ބަދަލުވުންތަކުގެ މައްޗަށް އޭނާއަކަށް އެއްވެސް ބާރެއް ނެތެވެ. ޒުވާންކަން ޅީވެ އިސްޖެހިދެއެވެ. އުސްމަގާމުތަކާއި ތާޖާ އިއްޒަތާ މަތިވެރިކަމާ، މުސްތަވާ ނަޒަރުން ދަށަށްގޮސް އެންމެނާ ހަމަހަމަކޮށްލައެވެ. މަރޭ ކިޔާ ގަދަފަދަ ބާރު އިންސާނާގެ މައްޗަށް ވެރިވެގަންނީ އަމުރުވެވިގެންވާ ކަމެއްގެ މައްޗަށެވެ.

މި މުނާސަބަތަކީ މި ހަގީގަތުގެ ތެރެއިން ފަސްއެންބުރި ބަލައިލަންވީ މުނާސަބަތެކެވެ. އިސްވެ ދެންނެވުނު ހަމައިގެ މަތިން އަލްއުސްތާޒު ޢަބްދުﷲ ޙަމީދު މި ދުނިޔެ ދޫކުރެއްވި ވަގުތެވެ.

ޢަބްދުﷲ ޙަމީދަކީ ދައުލަތުގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި ޚިދުމަތްތެރިއެކެވެ. ގައުމީ އިޖުތިމާއީ ދާއިރާގެ އިސް ހަރަކާތެރިއެކެވެ. އެހެންކަމުން އެމަނިކުފާނުގެ މަސައްކަތްޕުޅުތަކާއި ހައިސިއްޔަތުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އަޅުގަނޑުމެން ނޫސްވެރިންނާ ސީދާގުޅޭ އެންމެ ފާޅުކަންބޮޑު ދާއިރާއަކީ ބަހާއި އަދަބުގެ ދާއިރާއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްގެ ހައިސިއްޔަތުންނެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކަލްޗަރަލް އެފެއަރޒްގެ ހައިސިއްޔަތުންނެވެ. ދިވެހިނާދީގެ ރައީސްގެ ހައިސިއްޔަތުންނެވެ. ފަތްތޫރައިގެ މުހައްރިރުގެ ހައިސިއްޔަތުންނެވެ. މީގެ އިތުރުން އަމިއްލަފުޅު އެތައް ހައިސިއްޔަތަކުންނެވެ.

ޢަބްދުﷲ ޙަމީދަކީ އާދައާ ޚިލާފު މޮޅު ވާހަކަދެއްކުންތެރިއެކެވެ. މައުޒޫތައް އެމަނިކުފާނަށް ކިޔަމަންގަންނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިއަދާ މުނާސަބު ސުވާލަކީ އެހެންކަމާ އެކު އެމަނިކުފާނު ކޮށްދެއްވީ ކޮން ކަމެއް ހެއްޔެވެ؟

ޖަވާބު ވަރަށްސާފެވެ. ފަރުދީގޮތުން އެމަނިކުފާނުގެ އަދަބީ ޚިދުމަތް ފާޅުކަން ބޮޑުގޮތެއްގައި ފެންނާން އެބަހުއްޓެވެ. އެތަކެތި ޖަމާކޮށް ފޮތްތަކެއްގެ ގޮތުގައި ފެންނާނޭގޮތް ހެދުމަކީ މިއަދު ކުރާންޖެހިފައިވާ ކަމެކެވެ. ދިވެހިބަހަކީ ވަކި ދެތިން މީހެއްގެ އަތްދަށުގައި އޮތް އެއްޗަކަށް ވެފައިވީ ޒަމާން ބަދަލުކުރައްވައި ދިވެހި ބަހަކީ ދިވެހިންގެ އެންމެންގެ އެއްޗެއް ކަމުގައި ހެއްދެވުމުގައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅަކީ މީގެ ތެރެއިން އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ ޚިދުމަތެކެވެ.

ޢަބްދުﷲ ޙަމީދަށް ފަހު އަޅުގަނޑުމެންގެ ތެރޭގައި ދެމިގެންދާ ގޮތުގައި ހުންނަ ހަނދާންތަކަކީ އެމަނިކުފާނުގެ ޚިދުމަތްޕުޅެވެ. އޭގެ އެކޮޅު މިކޮޅެވެ. އެއާ މެދު ފުންކޮށް ވިސްނައި އެއިން ލިބޭ އިބުރަތަކީ އަދުގެ ފިލާވަޅެވެ. ފަސްއެނބުރި ބަލައިލަންވީ އެކަންކަމުގެ މައްޗަށެވެ. އެމަނިކުފާނުގެ ހަޔާތްޕުޅުގެ އިބުރަތަކީ ކޮބައިތޯއެވެ؟ ނަތީޖާ އަކީ ކޮބައިތޯއެވެ؟ ގައުމީ ތަރިކައަކަށް ދޫކުރެއްވީ ކޮންއެއްޗެއްތޯއެވެ؟ އޭގެ މަންފާއަކީ ކޮބައިތޯއެވެ؟ އޭގައި ހުރި ނަމޫނާ ސިފަތަކަކީ ކޮބައިތޯއެވެ؟

މިއީ މި ސުވާލުތަކުގެ ޖަވާބު ހޯދަން އަވަދިނެތި އުޅެންޖެހޭ ވަގުތެވެ. އެމަނިކުފާނާ ވަކިވީ ކަންމައްޗަށް ހިތާމަކޮށް އިސްޖެހިފައި ތިބެންވީ ވަގުތެއް ނޫނެވެ. އޮއްސިގެން ދިޔަ ތަރީގެ ހަނދާނުގައި އޮއްސޭ މުރިނގަށް ހުއްޓި ތިބުމަކީ ހަމައެކަނި އޮތް ގޮތެއް ނޫނެވެ. އަރާ މުރިނގަށް ބަލަން ޖެހެއެވެ. އެވިދުވަރުން ވިދާލާނެ ތަރިއެއްގެ އުންމީދުގައެވެ.

އިސްވެ ދެންނެވިހެން ދުނިޔެއީ އުފެދުމާއި ނެތި ދިއުމުގެ ތަންމައްޗަކަށްވީ ހިނދު މިއީ އުންމީދާއި ހިންމަތުގެ މައިދާނެކެވެ. އެކަން ހަނދާންކޮށް ހިތްވަރު ލިބިގަތުމަކީ އޮތްކަމެކެވެ.

ޢަބްދުﷲ ޙަމީދާ ވަކިވުމަކީ ފުން ހިތާމައެކެވެ. އެމަނިކުފާނުގެ އާއިލާއާއި ރަހުމަތްތެރިންނަށް ވަކިންބޮޑު ހިތާމައެކެވެ. މިހިތާމައިގައި އައްޑޫ އޮންލައިން ބައިވެރިވަމެވެ. އެމަނިކުފާނުގެ އާއިލާއަށް އެންމެ އިޚުލާސްތެރި ތައުޒިޔާ ދަންނަވަމެވެ. ކެތްތެރިކަމާއި ސާބިތުކަމަށް އެދެމެވެ. އެމަނިކުފާނަށް ﷲގެ ރުއްސެވުމާއި ފުއްސެވުން އެދި ދުއާކުރަމެވެ. ކީރިތި ﷲ މި ދުއާ އިޖާބަކުރައްވާށިއެވެ. އާމީން