English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

ސައުދީ އަރަބިއްޔާއިން ރާއްޖެ ގެންނަން އުޅުނު 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ހުއްޓުވީ އިދިކޮޅު އެމްޑީޕީން ކަމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޓެކްސް ރޭޓަށް ބަދަލުގެނައުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހީމް ވިދާޅުވީ، ޓެކްސްގެ ވާހަކައާ ގުޅުވައިގެން އެމްޑީޕީއަށް ވާހަކަ ދެއްކޭނޭ އެއްވެސް ހަމައެއް ނޯންނާނޭކަމަށާއި ސައުދީ އަރަބިއްޔާއިން ރާއްޖެ ގެންނަން އުޅުނު 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ހުއްޓުވީ އިދިކޮޅު އެމްޑީޕީން ކަމަށެވެ.

އިބްރާހީމް ވިދާޅުވީ ސައުދީން ރާއްޖެ ގެންނަން އުޅުނު އެ ބޮޑު އިންވެސްޓްމަންޓް އެމްޑީޕީން ހުއްޓުވީ އޭގެ ފައިދާ ރާއްޖެއަށް ލިބިދާނެތީ އެކަމާ ހަސަދަވެރިވެގެން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް މުޒާހަރާވެސް ކުރި ކަމަށާއި އެކަންކަމާ މުޒާހަރާކުރުމުގެ ނަތީޖާއަކަށްވެގެންދިޔައީ ފައިސާހުރި ބާރުވެރި އެމީހުން އަމިއްލައަށް އެ ޓޫރިޒަމް އިންވެސްޓްމަންޓް އެމީހުންގެ ގައުމުގަ ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

“ކުރީގެ ސަރުކާރެއްގައި ސައުދީ ސަރުކާރުން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ގެންނަން ސައުދީން އުޅުނު. އެހެންނަމަވެސް އޭގެ ފައިދާ ރާއްޖެއަށް ލިބިދާނެތީ އެކަމާ ހަސަދަވެރިވެގެން އެކަމާ ދެކޮޅަށް މުޒާހަރާކުރި. އެކަންކަމާ މުޒާހަރާކުރުމުގެ ނަތީޖާއަކަށްވެގެންދިޔައީ ފައިސާހުރި ބާރުވެރި އެމީހުން އަމިއްލައަށް އެ ޓޫރިޒަމް އިންވެސްޓްމަންޓް އެމީހުންގެ ގައުމުގަ ހެދި. ރާއްޖޭގެ ޓޫރިޒަމްގޮތަށް ކޮޕީކޮށްގެން. މިއަދު މިހާހިސާބަށް އާއިރުގައި ސައުދީއަރަބިއްޔާއަށް 23 މިލިއަން ކަސްޓަމަރުން އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބިއްޖެ.” އިބްރާހީމް ވިދާޅުވެފައިވެއެވެ.

އިބްރާހީމް އިތުރަށް ވިދާޅުވީ ސައުދީން ފ. އަތޮޅުގައި އެ އިންވެސްޓްމަންޓް ކުރިނަމަ، އެ 23 މިލިއަން މީހުންނަކީ މިއަދު ރާއްޖެއަށް އަންނާނޭ ބައެއް ކަމަށާއި، އެކަހަލަ މުހިއްމު އިގްތިސާދީ ގިނަ ކަންކަން އެމްޑީޕީން ހުއްޓުވާފައިވާކަމަށެވެ.

މިއަދު ޓޫރިޒަމަށް ގެއްލުންވާކަމަށް އެމްޑީޕީން ބުނާއިރު، އެމީހުންގެ ވާހަކަތައް އަބަދުމެ ހުންނާނީ ދިމާ އިދިކޮޅަށްކަން އިބްރާހީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ ލާބައަށް ކުރާ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނޭ ކަމަށާއި، އެމްޑީޕީން ނަންކުރާ އިނގިރޭސިވިލާތުގައިވެސް ކަންކަން ހިނގަނީ އެމަގުންކަމަށެވެ.

އަންނަ އަހަރު ޓެކްސް ރޭޓަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، މި ބިލްގައި ވަނީ ޓޫރިޒަމްގެ ބައެއް ޓެކްސްތަކުން މިހާތު ނަގަމުން އަންނަ ރޭޓް އިތުރުކުރުމަށް ހިމަނާފައެވެ. ޓެކްސް ރޭޓް އިތުރުކުރަން ނިންމުމުން އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ އެކަމަކީ އެޕާޓީން ރުހޭނޭކަމެއް ނޫންކަމަށެވެ.