English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

އެމްޑީޕީ އަށް ވެރިކަން ކުރަން ނޭންގުމުގެ ސަބަބުން ގައުމު ވަނީ ބަނގުރޫޓުވެފައި ކަމަށާއި މި ސަރުކާރު އައިއިރު، އޮތީ ރާއްޖޭގެ ހަމައެކަނި ހުސް ތޮށިގަނޑުކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބްރާހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ވާރުތަވެފައިވާ ކަންތައްތަކެއް ހުރިކަމަށާއި އެމަނިކުފާނު ބޮލުގައި ކަންތައްތަކެއް އެޅިފައިވާކަމަށެވެ. އެގޮތުން ކުރިން ވެރިކަން ކުރި އެމްޑީޕީން ގައުމުގެ ވެރިކަން ކުރަން ނޭންގުމުން ގައުމު އޮތީ ވަރަށް ބޮޑަށް ބަނގުރޫޓުވެފައިކަމަށް އިބްރާހީން ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ ވެރިކަމުގައި ތިބިއިރު، އެމްޑީޕީއަށް ކުރަން އެމނގުނު ހަމައެކަނި ކަމަކީ ބޮޑެތި ލޯނުތައް ނަގައި ގައުމު ދަރުވާލުން ކަމަށާއި އެހެން ކަމެއް އެމީހުންނަށް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތައް ކަންކަން ކުރުމުގެ ކުރީގެ ދައުލަތް ބަނގުރޫޓްވެގެން ދިޔައީ ކަމަށާއި މި ސަރުކާރު ހަވާލުވިއިރު، އޮތީ ދިވެހިރާއްޖޭގެ ނަމާއި ހަމައެކަނި ތޮށިގަނޑެއްކަމަށް އިބްރާހީމް ވިދާޅުވިއެވެ.

” މި ސަރުކާރު ހަވާލުވިއިރު، އޮތީ ހަމަ އެކަނި ނަމެއް. އިގްތިޞާދެއް ނެތް، ބޭންކްތަކާއި އެއްޗެހީގައި ރިޒާވެއް ނެތް، ކުންފުނިތައް ދަރާފައި، ދޭދޭ ފަރުދުންގެ މާލީ މައްސަލަތަކާއި ދޭދޭ ކުންފުނިތަކުގެ މައްސަލަތަކާއި ދައުލަތުގެ ކުންފުނިތަކުގެ މައްސަލަތައް،” އިބްރާހީމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވިގޮތުގައި މިދިޔަ ސަރުކާރުގައި އެހެން ދިމާވީ އެމްޑީޕީއަށް އިގްތިޞާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށާއި އެއީ އެމްޑީޕީގެ ފެއިލްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރު އިގްތިޞާދު ހަލާކުކޮށްލާތަން ފެންނަކަމަށާއި އަދި އެހެން ދައުލަތަކުން ކަމެއް ފައިދާވާ އުފެއްދުމުން އެ އުފައްދާ އެއްޗަކުން އެމްޑީޕީއަށް އެނގެނީ ހަމައެކަނި ޚަރަދުކޮށްލަންކަމަށް އޭނާ ވިދާޅުވިއެވެ.