English Edition
Dhivehi Edition

އުރަމަތީގެ ކެންސަރަށް ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުވައި، އެ ބާވަތުގެ ކެންސަރު ޖެހޭ މިންވަރު މަދު ކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުންނެވެ.

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އަދި މި ބާވަތުގެ ކެންސަރަކީ ބަލިން ފަސޭހަވުމަށްފަހުވެސް އޭގެ އަސަރުތައް އަންހެނުން ތަޙައްމަލްކުރަންޖެހޭ ނުރައްކާތެރި ކެންސަރެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ރާއްޖޭގެ 40 އަހަރުން މަތީގެ ހުރިހާ އަންހެން ބޭފުޅުންވެސް ހެދުމަކީ މުހިއްމުކަމެއްކަމަށާއި، އެއުމުރުފުރާގެ ބޭފުޅުން ވީހާވެސް އަވަށް އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުންނެވެ.

“އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށް. އެހެންވީމަ އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، އަވަސް ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ” ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މިހާރު ރާއްޖޭގައިވެސް ކެންސަރަށްދެވޭ އެކި ފަރުވާތައް އެބަހުރި ކަމަށެވެ. އެގޮތުން ކީމޯތެރަޕީގެ ޚިދުމަތް ރާއްޖެއިން ލިބެންހުރެއެވެ. އަދި އައިޖީއެމްއެޗްގައި މިހާރު ތްރީޑީ މެމޮގްރާމެއް ހެދޭއިރު، މެމޮގްރާމެއް ހެއްދުމަށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކެންސަރު އެކި ބާވަތްތައް ޖެހޭ މިންވަރު ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އެކި ބާވަތްތަކުގެ ކެންސަރަށް މަގު ފަހިކުރުވާ ވޭޕްކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅުއްވަން ޤާނޫނަށް އިސްލާޙުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.