English Edition
Dhivehi Edition

އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ހިޝާނަށް ކުރެވޭ ތުހުމަތުތައް އެނގި ތިބެ ފިޔަވަޅު ނާޅާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މިކަމުގައި ޝީދާތާ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ހުރިހާ މެމްބަރުންވެސް ގަބޫލުކުރައްވާފައިވާއިރު ޕީއެންސީ އަދި ޕީޕީއެމް އިން ވަނީ މި މައްސަލައިގެ ޒިންމާ ނަންގަވަންޖެހޭނީ ހަމަ އެކަނި ޝިދާތާ ނޫންކަމުގައި ވިދާޅުވެފައެވެ،

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭނީ ހަމައެކަނި ޝިދާތާ އަށް ނޫން ކަމަށާއި މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ އިހުމާލުގެ ވާހަކަ ތަކުރާރުކޮށް ދެކެވެމުން ދާއިރު ވެސް ދައުލަތަކުން، ސަރުކާރަކުން މިކަމާ ދޭތެރޭ ފިޔަވަޅު އަޅާފައި ނެތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް އޮތް ހުރިހާ މުއައްސަސާއަކުން ވަނީ މިކަމަށް އިހުމާލުވެފައިކަމަށެވެ.” މިއަދު މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ހުށަހަޅައިގެން މަޖިލީހުން މި ވާހަކަ ދައްކަމުން ދާއިރު ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ؟ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރު ވަކި ނުކުރައްވަންވީ؟ މަޖިލީހުންތޯ އޭނަ ވަކި ކުރައްވަން ޖެހޭނީ؟ ރައީސުލްޖުމްހޫރިއްޔާތޯ ޖެހޭނީ؟މިބާވަތުގެ ކަންކަމުގެ ސަރުކާރަށް ކީއްވެގެންތޯ ފިޔަވަޅު އަޅަން ނުކެރެނީ؟އަޅުގަނޑު ދަންނަވާނީ މިއީ ސަރުކާރުގެ ފެއިލްވުމެކޭ” އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.”ހިތާ ނުވާ ވަޒީރަކަށް ރުހުން ދިނީ ވެސް މި މަޖިލީހުން. ހިތާނުވާ ވަޒީރަކަށް، އެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން. މިއަދު އެ ކަަމަނާގެ އިސްތިއުފާ އަށް ގޮވައި މި ހައްދަވާ ބޭފުޅުން،” ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ ގައުމު ފެއިލްވަމުން އަންނަ މަންޒަރުކަމަށާއި ގައުމު ފެއިލްކޮށްލީ މި މުއައްސަސާގައި ތިއްބެވި އެމްޑީޕީ އަށާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވިދާޅުވީ ޝިދާތާ މަގާމުން ވަކިނުކޮށް ހުންނެވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހުމާލެއް ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މުޅި ގައުމު ފެއިލް ވެފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދުގެ މަޖިލީސް ޖަލްސާގައި އެމްޑީޕީ މެމްބަރުންވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.