English Edition
Dhivehi Edition
މިނިސްޓަރު އާދަމް ޝަރީފް އުމަރު

ބޮޑު އަގެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރަން އާރުސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިޑަކަށް ހުޅުވާ ނުލާ 631 މިލިއަން ރުފިޔާ އަށެވެ. މި މައްސަލަ އޭސީސީން ތަހުގީގުކުރަނީ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ ކުންފުންޏަކާއި މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މިކަމާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި މަޝްރޫއާ ގުޅިގެން ޔާމީން ވަނީ މިފަދަ މަޝްރޫއުއަކަށް ދާނީ ގާތްގަނޑަކަށް 225 މިިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު ހުށަހަޅާފައިވަނީ އެތައް ގުނައެއް ބޮޑު އަގެއް ކަމުގައި ވިދާޅުވެފައެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަނުންކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އާރުސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަގު ހުށަހެޅި 4 ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށްވާތީ ކަމުގައެވެ.