ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް، ޑރ. ޢަލީ ޝަމީމް މިހާރު ބަންގްލަދޭޝްގެ ޑާކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމުގެ ސިވިލް ސަރވަންޓުންގެ ކަންތައްތައް ބަލަހައްޓާ ބެލެނިވެރިފަރާތްކަމުގައިވާ ބަންގްލާދޭޝް ގެ ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި މަޝްވަރާކުރައްވަވައިފިއެވެ.
ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނަށް ޑރ. އަލީ ޝަމީމް ޒިޔާރަތްކުރެއްވުމުން އެކޮމިޝަނުގެ ޗެއަރމަން ޑރ. މުހައްމަދު ސަދީޤް އާއި ބައެއް އެހެން މެންބަރުން އަދި މުވައްޒަފުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އެ ޤައުމުގެ ބާނީ ކަމުގައިވާ ޝެލް މުޖީބުއްރަހުމާންގެ ހަނދާނުގައި ހަދާފައިވާ ބިނާއެއްގައި މާފައްޗެއް ބާއްވަވާދެއްވަވައި އަދި ގައުމަށް ޓަކައި ގުރުބާންވެފައިވާ ޕަބްލިކް ސަރވަންޓުންގެ ޒިކްރާ އައުކުރުމަށް އެކޮމިޝަނުގެ އިމާރާތުގެ ތެރޭގައި ހަދާފައިވާ ހަނދާނީ ބިނާ އަކަށްވެސް ޒިޔާރަތްކުރައްވައި މާބޮނޑިއެއް ބޭއްވެވިއެވެ.
ބަންގްލަދޭޝްގެ ކޮމިޝަނަށް ޝަމީމް ކުރެއްވެވި ޒިޔާރަތުގައި އެގައުމަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ އައިޝަތު ޝާން ޝާކިރާއި ފަސްޓް ސެކެޓްރީ އަހްމަދު ފަޒީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސީއެސްސީ އިން މިއަދު ބުނީ ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ސިވިލް ސަރވިސް ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން ރަސްމީކުރުމުގެ ގޮތުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަހުމުނާމާއެއް އެކުލަވާލުމަށް އެއްބަސްވެވުނު ކަމަށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނުގެ އެއް މެންބަރުކަމުގައިވާ ޕްރޮފެސަރ ޑރ. އަބްދުލް ޖައްބާރު ޚާން އެކޮމިޝަން ހިންގޭ ގޮތާއި އަދި ކާމިޔާބު ކުރެވިފައިވާ ކަންކަމުގެ މައްޗަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ދައްކަވާދެއްވި އެވެ.
ސީއެސްސީގެ ރައީސް ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ރާވަމުންދާ ސާރކް ޕަބްލިކް ސަރވިސްގެ ވެރިންގެ ހަތް ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޗެއަރމަނާއެކު ވަފުދެއް ރާއްޖެ ޒިޔާރަތްކުރެއްވުމަށް ދައުވަތުވެސް އަރުވައިފަ އެވެ.