English Edition
Dhivehi Edition

މިއަދަކީ ބަރަކާތްތެރި ޙައްޖު ދުވަހެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއްފަހަރު ކުރުން ވާޖިބު އަޅުކަމެކެވެ.
އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމަށްވާ ޙައްޖުގެ އަޅުކަމަކީ އިސްލާމީ ތާރީޚާއި، އިބްރާހީމް ޢަލައިހިއްސަލާމްގެ ދެބަފައިކަލުންގެ މަތިވެރި ޛިކުރާއާ ގުޅިފައިވާ ތަޤުވާގެ އަޅުކަމެކެވެ.
ﷲ ގެ އަމުރުފުޅަށް އިބްރާހީމް ޢަލައިހިއްސަލާމް މައްކާއަށް ވަޑައިގެންނެވިއެވެ. ﷲގެ އަމުރުފުޅަށް އެކަލޭގެފާނު ގެފުޅު ބިނާކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނަށް ﷲ އަމުރު ކުރެއްވީ ޙައްޖުވުމަށްޓަކައި ގެފުޅަށް އައުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. އިބްރާހީމްގެފާނު ﷲގެ މަތިވެރި އަމުރުފުޅު ވަގުތުން ތަންފީޒު ކުރެއްވިއެވެ.
އިބްރާހީމް އަލައިހިއްސަލާމްގެ އެގޮވައިލެއްވުމަށް އެދުވަހުން ފެށިގެން މީސްތަކުން މިދަނީ އިޖާބާ ދެމުންނެވެ. ކޮންމެ އަހަރަކު މިދުވަހު ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މީހުން މައްކާއަށް ޒިޔާރަތްކޮށް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއެވެ. ގެފުޅު ވަށައިގެން ޠަވާފްކުރެއެވެ. ޢަރަފާތުގެ މައިދާނުގައިތިބެއެވެ. މިނާގައި ތިބެއެވެ. ޖަމްރާއަށް ހިލައުކައެވެ. މިގޮތުން ޙައްޖުގެ އަޅުކަން ފުރިހަމަކުރެއެވެ. ﷲގެ ފުއްސެވުމާއި ރުއްސެވުން އެދިގެންނެވެ.

ޙައްޖުގެ މަތިވެރިކަމުން ރަމްޒުކޮށްދޭ އެއް އަސްލަށް ވިސްނާލަމާތޯއެވެ. އިބްރާހީމް ޢަލައިހިއްސަލާމް ﷲގެ އަމުރުފުޅަށް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ދަރިކަލުން ޢިސްމާއީލް ޢަލައިހިއްސަލާމް މައްކާގެ ހަނަފަސް ސަހަރާއަކަށް ގިނިކަންޏާ ދޫކޮށްލެވިއެވެ. އެއީ އެއްވެސް ހިޔަލެއްނެތް ސަހަރާއެކެވެ. ފެންފޮދެއް ލިބެންނެތް ހިލަ ބިމެކެވެ. ތިމާގެ މީހަކުނެތް ބީރައްޓެހި ތަނެކެވެ. އެދެމައިކަނބަލުން އެފަދަ ސަހަރާއަކަށް ދޫކުރެއްވުމަށްފަހު އިބްރާހީމް ޢަލައިހިއްސަލާމް ފަސްއެނބުރި ބެއްލެވުމެއްނެތި ވަޑައިގެންނެވިއެވެ. އެހިނދު ހާޖަރު ސުވާލު ކުރެއްވެވިއެވެ. އެގޮތަށް ޢަމަލު ކުރެއްވުމަށް ﷲ އެކަލޭގެ ފާނަށް އަމުރު ކުރެއްވީތޯއެވެ؟ އެހިނދު ފަސްއެނބުރި ބެއްލެވުމެއްނެތި އެކަލޭގެފާނު އާދޭހޭ ދަންނަވާފައި ކުރިއަށް ވަޑައިގެންނެވީއެވެ. އެހެން ވިދާޅުވީމާ ހާޖަރު ދެއްވި ޖަވާބަކީ ކޮބައިތޯއެވެ. އެހެން ކަމަށްވާނަމަ މާތްﷲ ތިމަންމެންގެ ދެމައިކަނބަލުން ގެއްލެނިއެއް ނުކުރައްވާނެއެވެ. ކޮންފަދަ އިތުބާރެއްތޯއެވެ. ކޮންފަދަ އީމާންތެރި ކަމެއްތޯއެވެ.
އެކަމަނާ ކުރެއްވި އިތުބާރާއި އެކަމަނާގެ އީމާންތެރި ކަމުގެ ސަބަބުން ﷲ ހެކި ދެއްކެވިއެވެ. އެ ދެމައި ކަނބަލުންނަށް ޓަކައި ﷲ އެ ހަނަފަސް ބިމުން ޒަމްޒަމް ފެންއާރު ނެރުއްވިއެވެ. މިކަން ވެގެންދިޔައީ ގަބީލާތަކުގެ މީހުންނަށް ބޮޑު އަޖައިބަކަށެވެ. ބިންހަރު، ހަނަފަސް ސަހަރާއަކުން ފެން ރޯދި ކުރެއްވި ﷲގެ ހުސްޠާހިރުވަންތަ ކަމާއެވެ. އެބިމުން ފެން ރޯދިކުރައްވައި ގަބީލާތަކުގެ މީހުން އެތަނަށް ޖަމާވެ ވަޒަންވެރި ވެއްޖައޫއެވެ. އެއީ ޙުރުމަތްތެރިވެގެންވާ މައްކާގެ ފުރަތަމަ ވަޒަންވެރީންނެވެ. އެ ދެމައިކަނބަލުންގެ އެކުވެރީންނެވެ. ވާގިވެރީންނެވެ. އެހިސާބުން އެހަނަފަސް ސަހަރާ އާބާދުވާން ފެށިއެވެ. އަދި މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް އަޅުކަން ކުރަން ފެށުނެވެ.
މާތްﷲ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި ކަލޭފާނު މީސްތަކުންނަށް ހައްޖަށް އައުމަށް ގޮވައިލައްވާށެވެ. އޭރުން ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި ދުރުތަންތަނުން އެއުރެން ކަލޭފާނުގެ އަރިހަށް އަންނާނެތެވެ.” އެގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މީހުން މިއަދުވެސް އެތިބީ މައްކާގައި ހުންނަ ކަޢުބާއަށް ޖަމާވެފައެވެ. އެންމެ ނިކަމެތި އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ ޢިއްޒަތްތެރި އެންމެ މުއްސަނދި މީހާއަށް ދާނދެންނެވެ. މިއީ އެންމެ މަޤުޞަދެއްގައި ގެފުޅަށް ޖަމާވެފައިވާ މުސްލިމުންނެވެ. އެމީހުން އެދައްކަނީ ﷲގެ އަމުރުފުޅަށް ކިޔަމަން ގަތުމުގެ ފުރިހަމަ ނަމޫނާއެވެ. އެމީހުން އެތިބީ ނިކަމެތި ކަމާއި، ތަޤުވާވެރި ކަމާއެކު ޙައްޖުގެ މަތިވެރި އަޅުކަމަށް ހާޒިރުވެއެވެ. ކިޔަމަންތެރިކަމާއެކު ހެޔޮނިޔަތެއްގައި މިއަޅުކަން އަދާކުރާ މުސްލިމުތަކުންނަށް ﷲގެ މަތިވެރި ޙަޟުރަތުން ލިބޭނޭ ދަރުމައާއި، ސަވާބުގެ ބޮޑުކަމާއެވެ.
ނިކަންވިސްނަވާށެވެ. ދުނިޔޭގެއެކި ޤައުމުތަކުން ޙައްޖަށް މީހުންގޮސް އެތިބީ އެމީހުންގެ ލޯބިވާ ވަތަން ދޫކޮށްލާފައެވެ. އަނބިދަރީން ދޫކޮށްލާފައެވެ. މުދާ ދޫކޮށްލާފައެވެ. އެމީހުންގެ ހަމައެކަނި ބޭނުމަކީ ﷲ އަށް ކިޔަމަންގަތުމެވެ. ތަޤުވާވެރި ކަމާއެކީގައެވެ.
އިސްލާމް ދީނުގެ އަޅުކަމަކީ ﷲ ހަނދުމަ ކުރުމެވެ. މަޑުމައިތިރި ކަމާއެކު ޒިކުރު ކުރުމެވެ. ޝުކުރު ކުރުމެވެ. ޙައްޖަކީ މި ދުނިޔޭގައި އިންސާނަކަށް ﷲ އާ ކުއްތަންވާން ލިބޭނެ އެންމެ މަތިވެރި ފަހި ފުރުޞަތެވެ. އެއަށްވުރެ ވަކީން ބޮޑަށް ﷲ އާ ކުއްތަން ވެވޭނޭ އަޅުކަމެއް އިސްލާމް ދީނަކު ނެތެވެ. އެހެންކަމުން މިއަދު ގިނަގިނައިން ﷲގެ މަތީން ހަނދާންކުރަމާ ހިނގާށެވެ. ޒިކުރުކުރަމާ ހިނގާށެވެ. ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވަމާ ހިނގާށެވެ.
ޙައްޖުވެރީން އަޅައިގެން އެތިބި ހެދުމާމެދު ވިސްނައިލީމުތޯއެވެ؟ ކުރިން އަޅައިއުޅުނު ކުލަކުލައިގެ ރީތި ހެދުން ކޮބައިތޯއެވެ؟ މިއަދު އެންމެން އަޅައިގެން އެތިބީ އެއްހެދުމެކެވެ. އެއީ ފަނާކުރުވަނިވި މިދުނިޔެއިން އިންސާނާ ނުކުމެގެންދާއިރު އަޅަންޖެހޭ ފޭރާމެވެ. މިކަމުގައި މޮޅެއް ދެރައެއްނެތެވެ. ކުޑައެއް ބޮޑެއްނެތެވެ. މުއްސަންޖެއް ފަގީރެއް ތަފާތެއްނެތެވެ.
މިއަދު ހަނދާން ކުރަންވީ ކޮންމެ މީހަކުވެސް ހެއްދެވި ފަރާތާ ބައްދަލުކުރަންޖެހޭ ކަމެވެ. އެދުވަހަށް އަބަދުވެސް ތިބެންވާނީ ތައްޔާރަށެވެ. އެދުވަހާމެދު ޣާފިލުވެގެން ނުވާނެއެވެ.
ޙައްޖުގެ އަޅުކަމުން އަޅުގަނޑުމެންނަށް ހުރިހާ ފިލާވަޅުތަކެއް ލިއްބައިދެއެވެ. މިއަދު އަޅުގަނޑުމެން އަވަސްވާންވީ ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށެވެ. ﷲގެ މަގަށް އެނބުރި ދިޔުމަށެވެ. ޙައްޖުދުވަހުގެ ބަރަކާތާއި ސަވާބު އަޅުގަނޑުމެން އެންމެންގެ މައްޗަށް މިންވަރުކޮށްދެއްވާށިއެވެ.