މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ޔަޤީންކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Listening to colleagues debate today’s Early Day Motion and confident the MDP-majority Parliament will initiate a no confidence motion against the Gender Minister should she fail to resign.
Some things should never be compromised.
— Mickail Naseem ? (@MickailNaseem) February 5, 2020
އެ ޓްވީޓްގައި މީކާއިލް ވިދާޅުވީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް އަޑުއެއްސެވުމަށްފަހު، ޖެންޑަރ މިނިސްޓަރ އިސްތިއުފާ ނުދެއްވައިފިނަމަ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާނެކަމަށް އިތުބާރުކުރައްވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ ބައެއް ކަންތައްތަކަކީ ނުބަލައި ދޫކޮށްލެވޭނެފަދަ ކަންތައްތަކެއް ނޫން ކަމަށެވެ.
މީކާއިލް މިހެން ވިދާޅުވިއިރު، އޭނާ ވަނީ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީގެ އިހުމާލެއްވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިޙުމާލެއްވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތަކުގައި އެނގިހުރެވެސް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވެފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
މީކާއިލް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ކުރިއަށްދާ ބަހުސްގައިވެސް ގިނަ މެންބަރުން ވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތިން ބަފައިން ވެގެން ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަޤާމުން އިސްތިއުފާ ދެއްވާ ވަގުތުން ފެށިގެން އިތުރު ޖިންސީ ގޯނާގެ މައްސަލައެއް ރާއްޖޭގައި ނުހިންގާނަމަ އިސްތިއާފާ ދޭން ހުންނެވީ ތައްޔާރަށް ކަމަށް މިނިސްޓަރ ޝިދާތާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެގޮތުން އެ މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ބޭއްވި އިހުތިޖާޖު އޮތް ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، ކަމެއް ހިނގާ ވަގުތު އެކަމާ ގުޅިގެން ވާހަކަ ނުދެއްކުމަކީ އެ މައްސަލައަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެ ވަގުތުތަކުގައި ނޭޅުން ނޫން ކަމަށެވެ.