English Edition
Dhivehi Edition
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވީއައިއޭގައި - ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮމަންވެލްތު ބޯޑް އޮފް ގަވަނަރސް ބައްދަލުވުމުގެ ހަވާސާގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ރާއްޖޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ މިނިސްޓަރ ޝާހިދުގެ އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މެޖޯރިޓީ ލީޑަރ އަދި މެދު ހެންވެއިރު ދާއިރާގެ މެންބަރު، އަލީ އާޒިމްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ކޮމަންވެލްތާއި ވަކިވުމަށްފަހު ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުނީ މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމްއިއްޔާގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައެވެ. ރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ.