English Edition
Dhivehi Edition
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު - ފޮޓޯ: އޮޑިޓަރ ޖެނެރަލްގެ އޮފީސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓެއް ހަދައިދޭނެ އޮޑިޓް ފާމެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުމަށް ކަނޑައެޅިފައިވާ އޮޑިޓް ސްކޯޕްއަށް ބަދަލުތަކެއް ގެނައުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފަރމެއް ހަމަޖެއްސުމަށް ކުރެވުނު ޢިއުލާނު ބާޠިލުކޮށް, އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ޕްރެކްޓިސިންގ ސަރޓިފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފަރމްތަކުގެ ތެރެއިން އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މިއީ އޮޑިޓް އޮފީސް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރި ތިންވަނަ ފަހަރެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް އެންމެ ފުރަތަމަ ކުރި އިއުލާނާއި ގުޅިގެން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނިމިގެންދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.