ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ދައުލަތުގެ އިހުމާލެއްވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެވެ.
މީކާއިލް ހުށަހެޅުއްވި އެ މައްސަލައިގެ މަޤްޞަދެއްގެ ގޮތުގައި ބުނެފައި ވަނީ 19 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެން، އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި، ހިޝާން އަށް “އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ” ކަމާއި ޤައުމީ އިނާމު ދިންއިރުވެސް އޭނާއާއިމެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑަރ މިނިސްޓްރީ އަށް އެނގޭކަން ހާމަވެފައިވާއިރު، އެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިން ވެފައިވާ އިހުމާލު މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި 17 ޖެނުއަރީ 2018ގައި ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން ޙުކުމްކޮށްފައިވަނީ ހިޝާން އާއިމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ދިން މަޢުލޫމާތާއި އެކު ޖެންޑަރ މިނިސްޓްރީ އިން އެކުލަވާލި ރިޕޯޓަކަށް ރިޢާޔަތްކޮށްފައި ކަމަށްވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އަދި ޚާއްސަ އެހީއަށް ބޭނުންވާ އެޒުވާނާގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތް ކަމަށް ފެމިލީ ކޯޓުން ޙުކުމްކުރި ނަމަވެސް، އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އެޒުވާނާ އުޅެނީ ހިޝާން އާއެކު ކަމަށް ހައި ކޯޓަށް މަޢުލޫމާތު ލިބިފައިވާއިރު، ޖެންޑަރ މިނިސްޓްރީ އިން އެކަމާއި އަޅާނުލައި އޮތީ އެ މިނިސްޓްރީގެ އިޙުމާލުންކަން ހާމަވެފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އިން އެ މައްސަލަ ބަލައި، ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނާ އާމެދު އިޙުމަލުވި ވަކިވަކި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މީކައިލް ވަނީ ގޮވާލައްވައިފަ އެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހިޝާން، އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގެ މަޤާމުން ދުރުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް ފުލުހުން ތަޙުޤީޤުކުރަމުން ދަނީ ހިޝާންގެ ކޮން މައްސަލައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ދާން ސްރީލަންކަން ފްލައިޓެއްގައި އިންދާ ފުލުހުން ހިޝާން ހައްޔަރުކޮށް، ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ހިޝާން ފުލުހަށް ހާޒިރުކުރުމާއެކު ގިނަ ބިޔަކު ވަނީ މީސް މީޑީއާގައި ހިޝާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން މީސް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުތަކެވެ.