ސައުދީ އަރަބިއްޔާގައި ދޫނި ރޯނގާގެ ޕެތޮޖެނިކް އެން5އެން8 ވައިރަސް ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކަމަށް ވޯލްޑް އޯގަނައިޒޭޝަން ފޯ އެނިމަލް ހެލްތު(އޯއައިއީ) އިން ބުނެފިއެވެ.
ދޫނި ރޯނގާ ބޮޑަށް ފެތުރިފައި ވަނީ ސޫދާންގެ މެދުގެ ސަރަހައްދުގައި ކަމަށް އޯއައިއީ އިން ބުނެފައިވާއިރު މިހާތަނަށް 22،700 ދޫނި މަރުވެފައިވާކަމަށް ސައުދީ އަރަބިއްޔާގެ އެގްރިކަލްޗާ މިނިސްޓްރީއާއި ހަވާލާދީ އެ އޮގަނައިޒޭޝަނުން ބުނެއެވެ.
ސައުދީއިން މި ބަލި 2018 ވަނަ އަހަރުވެސް ފެނިފައިވާއިރު މިއީ އިންސާނުންނަށް ނުޖެހޭ ނަމަވެސް ދޫނިތަކަށް ފަސޭހައިން ޖެހޭ ބައްޔެއް ކަމަށް ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ސައުދީއިން ވަނީ ދޫނި ރޯނގާ ފެތުރެން ފެށުމުން 385,300 ދޫނި މަރާލާފައެވެ. އިއްޔެ ވިއެޓްނާމުންވެސް ވަނީ ދޫނި ރޯނގާގެ ވައްތަރެއް ކަމަށްވާ އެޗް5އެން6 ފެނިފައެވެ. އަދި އެޤައުމުން ވަނީ ދޫނި ރޯނގާ ޖެހިގެން 2200 ދޫނި މަރުވެފައެވެ.
ދޫނި ރޯނގާ ފެތުރެމުންދާ މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ދަނޑިވަޅެވެ. ކޮރޯނާ ވައިރަހަކީ އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. މި ވައިރަހުގައި މިހާތަނަށް 492 މީހުން ވަނީ މަރުވެފައި އެވެ.