އައްޑޫގެ ފަސްގަނޑު ތަރައްގީއަށް އެދި އެބަގޮވައެވެ. އެންމެ ދާއިރާއަކުން ނޫނެވެ. ހުރިހާ ދާއިރާ އަކުންނެވެ.
އެ އަޑު އަހަންއޮތީ ދިވެހި ސަރުކާރެވެ. މި ފަސްގަނޑުގެ އަޑު ސަރުކާރުގެ “ކަންފަތަށް” ހަމަ ޔަގީނުންވެސް އިވޭނެއެވެ. އެހެންނަމަވެސް އަމަލު ކުރުމުގައި ލަސްތަކެއް ވަނީއެވެ. އައްޑޫސިޓީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށްރަށެއް ތަރައްގީއަށް އެދި ގޮވާ ގޮވުމުގެ އަޑު ސަރުކާރުން އަހަން އެބަޖެހެއެވެ.
ނަގަރެއް ނުވަތަ ސިޓީއެއް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ފައިސާއެއް ނޫނެވެ. އިންސާނީ ވަސީލަތްތަކެވެ. އެކަމަށްޓަކައި ދުޅަހެޔޮ އިންސާނުން ބޭނުންވެއެވެ. އެކަން ކުރުމަށް ބޭނުންވަނީ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ. ޒަމާނީ އާލާތްތަކާއެކުއެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުންނެވެ. އޯގާތެރި ކަމާއެކު ހޭހަންކޮށްދޭނެ ހުނަރުވެރި ނަރުހުންނެވެ. ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެކެވެ.
ރައްޔިތުންނަށް މިކަންކަން ކޮށްދެވޭނީ ސަރުކާރުންނެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ވާހަކަ ދިވެހި ސަރުކާރުން ދައްކަން ފެށީ 2005 ވަނަ އަހަރުއެވެ. އެފަހުން ރާއްޖޭގައި ތިން ރައީސުން ވެރިކަން ކުރައްވައިފިއެވެ. މިހާރު ހުންނެވީ ހަތަރުވަނަ ރައީސެވެ. އަދިވެސް ހޮސްޕިޓަލުގެ ބިންގާ ނޭޅެއެވެ.
ދެހާސް ފަހަކުން އަދާ ހަމަޔަށް ދިހަ އަހަރު ވެއްޖެއެވެ. އެހެންވީމާ އައްޑޫގެ އާބާދީވެސް މިހާރުވާނީ އިތުރުވެފައިތާއެވެ. އެއާއެކު އައްޑޫގައި ދެންވެސް އަޅަންޖެހެނީ ހަމަ ސަތޭކަ އެނދުގެ ހޮސްޕިޓަލެއް ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ދެން އަޅަންވާނީ އެއަށްވުރެ ބޮޑު ހޮސްޕިޓަލެކެވެ. ސަތޭކަ އެނދުގެ ހޮސްޕިޓަލެއް އަޅަންވާނީ ދިރާސާއެއް ކޮށްފައި އަދިވެސް އެވަރުގެ ހޮސްޕިޓަލަކުން ފުއްދާލެވޭނެ ކަމަށް ވާނަމައެވެ. މިއީ އައްޑޫ ރައްޔިތުންގެ އުންމީދެވެ.
އައްޑޫގައި އައު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފަންޑުވަނީ ހަމަޖެހިފައެވެ. ސައުދީ ފަންޑުނާއި، އޯޕެކް ފަންޑުންނެވެ. ޖުމްލަ އެކާވީސް މިލިއަން ޑޮލަރެވެ. އެކަމަކު އަދިވެސް މަސައްކަތެއް ނުފެށެއެވެ. ދެންމެ ދެންމެ މަސައްކަތް ފަށައިފާނެ ހިސާބަށް ކަންކަން ދިޔައެވެ. އެހެންނަމަވެސް އެކަން ވެގެންދިޔައީ ހުވަފެނަކަށެވެ.
ހުވަފެނަކީ ދުވަހަކުވެސް ހަގީގަތަކަށްވާނެ އެއްޗެއް ނޫނެވެ. ހުވަފެންވާނީ ހަމަ ހުވަފެނަށެވެ. އައްޑޫ ރައްޔިތުން ހުވަފެން ދެކެން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ހަގީގަތެވެ. އައްޑޫސިޓީގައި އަލަށް އަޅަން ނިންމާފައިވާ ހޮސްޕިޓަލް ބީލަމަށް ލުމަށްފަހު ކެންސަލް ކުރީއެވެ. އެހެންނަމަވެސް ކެންސަލް ކުރި އެއްވެސް ސަބަބެއް ސަރުކާރުން ރަސްމީކޮށްވެސް ނުރަސްމީކޮށްވެސް ހާމައެއް ނުކުރެއެވެ. މި ކަމުގައި ސަރުކާރުގެ ސާފު ބަސް ރައްޔިތުންނަށް އެނގެންޖެހެއެވެ.
ބުނާތީ އިވެނީ ކުރެހުމުގެ މަައްސަލައެއް ހުރީ ކަމަށެވެ. ބުނާތީ އިވެނީ ސިޔާސީ ނުފޫޒު އުޅެނީ ކަމަށެވެ. ބުނާތީ އިވެނީ އަޅާނެ ރަށެއް ހަމަޖެއްސުމުގެ މައްސަލަ އުޅެނީ ކަމަށެވެ. ބުނާތީ އިވެނީ އެމްޑީޕީ މެންބަރުން ބަޖެޓަށް ވޯޓު ނުދިނުމުގެ ނަތީޖާ ކަމަށެވެ. ބުނާތީ އިވެނީ އައްޑޫސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭތީ ކަމަށެވެ. މިއިން ރައްޔިތުންނަށް ސާފުވާ އެއްވެސް އެއްޗެއް ނެތެވެ.
މިއިން އެއްވެސް ކަމަކީ އައްޑޫ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނެނެވެ. އައްޑޫ ރައްޔިތުން ބޭނުންވަނީ ހޮސްޕިޓަލް އެޅުމެވެ. ސިޔާސީ ކަންކަމާއި އާންމު ރައްޔިތުންނާ ކީކީ ހެއްޔެވެ؟
އެވެރިން ބޭނުން ބަޔަކަށް ވޯޓު ދިނުމުގެ ފުރިހަމަ ޙައްގު އެބައޮތެވެ. ސަރުކާރެއްގެ ބޭނުމަކީ އޯގާތެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމެވެެ.
އައްޑޫގެ ކޮންމެ ރައްޔިތެއްގެ ހިތުގައި އުންމީދެއް ވެއެވެ. އެ އުންމީދުގައި ދިރުމެއް ވެއެވެ. އެ ދިރި ދެމިއޮތުމުގެ ކާނާއަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެވެ. ފެންވަރު ރަނގަޅު ތައުލީމެވެ. ފަސޭހައިން ލިބިދެވޭ ބޯ ހިޔާވަހިކަމެވެ. ސާފު ބޯފެނާއި ނަރުދަމާއެވެ. ތަރައްގީގެ އަސްލު ކަމަށް ބެލެވޭ ކަރަންޓެވެ. އާމްދަނީ ލިބޭނެ ޒަމާނީ ފަހި ގޮތްތަކެވެ.
ސިޔާސީ ބޭފުޅުންނާއި ސިޔާސީ ބޭފުޅުންނާއެވެ. އެ ޕްލެޓްފޯމަކަށް އާންމު ރައްޔިތުންނެއް ނާރާނެއެވެ. ހަގީގަތަކީ ޑިމޮކްރަސީއަކީ ރައްޔިތުންނަށް ވަރަށް ހަނިއެއްޗެކެވެ. ޑިމޮކްރަސީ ފުޅާވެގެން އުޅެނީ ވާހަކައިންނެވެ. ރައްޔިތުންނަށް ޑިމޮކްރަސީ އަންނަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރުއެވެ. އެއީވެސް އެމީހެއްގެ ގެއާއި ވޯޓު ފޮއްޓާ ދެމެދު ކުޑަ ހިނދު ކޮޅަކަށް ލިބޭ އެއްޗެކެވެ. ވަގުތު ކިތަންމެ މަދަސް އެއީ މުޅި ރާއްޖެ ބަދަލު ކޮށްލުމުގެ ފުރިހަމަ އާރާއި ބާރު ރައްޔިތުންނަށް ލިބިދޭ ވަގުތެވެ. މިކަންކަމަކީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ވިސްނައި ވަޑައިގެންނެވުން ރަނގަޅު ކަމަކަށް ވެދާނެއެވެ.
ރައްޔިތުން ހުރިހާ ކަމެއްވެސް ކުރަނީ ފަސޭހަ އަރާމު ދިރިއުޅުމެއް ހޯދުމަށެވެ. ސަރުކާރެއްވެސް ހޮވަނީ އެބޭނުމުގައެވެ. ރައްޔިތުން ބޭނުންވަނީ އަސާސީ ހިދުމަތްތަކެވެ. ހިތްފަސޭހަ ދިރިއުޅުމެކެވެ. މިހާރުވެސް އައްޑޫ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ވަރަށްގިނައެވެ. އޭގެ ތެރެއިން އެންމެ ބޭނުންވަނީ ހަމަ ހޮސްޕިޓަލް އެޅުމެވެ. އެއީ ފަންޑުވެސް ހަމަޖެހިފައިވާކަން ޔަގީން ވެފައިވާތީއެވެ. އެހެންވީމާ ސަރުކާރުން އައްޑޫގައި އަލަށް އަޅާ ހޮސްޕިޓަލް އަވަހަށް އަޅުއްވައި ދެއްވުމަކީ މި ސިޓީއަށް ނޭވާލާ ކޮންމެ މީހެއްގެވެސް އެދުމެވެ. އެހެންވީމާ ސަރުކާރުންވެސް މިކަން އަވަސް ކޮށްދެއްވާށެވެ.