English Edition
Dhivehi Edition
ފޮޓޯ:އަވަސް

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް ވެސް ގަބޫލުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މިގޮތަށް ހައިކޯޓުން ކަނޑައަޅާފައިވަނީ 2011 ވަނަ އަހަރު ވިލިމާލޭ ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި ދެ މީހަކު މަރަން ކުރި ހުކުމާއި ގުޅިގެން، ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފްގެ މަރުގެ ހުކުމް ދަމަހައްޓަން ކޯޓުން ކުރި ހުކުމުގައެވެ.

އިސްލާމީ ޝަރީއަތުގައިި ހައްދާއި މަރުގެ މައްސަލަތައް ސާބިތުވާނީ ދެ ފިރިހެނުންގެ ހެކިބަހުން ކަމަށް ވާއިރު އެ މައްސަލާގައި ހެކިބަސް ދިން މީހުންގެ ތެރޭގައި އަންހެނުން ތިިބި ކަމަށް ބުނެ އެކަން ހައި ކޯޓުގައި ނަޒީފްގެ ފަރާތުން ފާހަގަކޮށްފައިވާއިރު މިއީ މަރުގެ ޝަރީއަތެއްގައި އަންހެނުންގެ ހެކިބަސް ބަލައިގަތުމާ މެދު ދިފާއުން ސުވާލު އުފެއްދި ފުރަތަމަ ފަހަރެވެ.

ނާޒިފްގެ ފަރާތުން އަންހެނުންގެ ހެކިބަސް ބަލައިގަތުމާއި ގުޅޭގޮތުން އުފެއްދި ސުވާލުގައި ތިން ފަނޑިޔާރުން ހިމެނޭ ބެންޗުގެ އިއްތިފާގުން ނިންމީ ޒިނޭ ފިޔަވައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހެކިބަސް އަދާކުރާ މީހަކީ ކަނޑައެޅިގެން ދެ ފިރިހެނުން ކަމުގައި މުތުލަގަށް ބުނެވެން ނެތް ކަމަށެވެ. އެހެންކަމުން ގުރުއާނުގައި ކަނޑައެޅި ބަޔާން ވެފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާއިރު، މި އުސޫލަކީ ކަނޑައެޅިގެން އިސްލާމީ ފިގުހާ ޚިލާފް އުސޫލެއް ނޫންކަމަށް ބަޔާންކޮށްފައެވެ.. އެހެންކަމުން މަރުގެ މައްސަލަތައް ސާބިތުކުރެވޭނީ ހަމައެކަނި ދެ ފިރިހެނުންގެ ހެކިބަހުން ކަމަށް ބުނެ އެކަން ހަނިނުކުރެވޭން ނެތްކަމަށް ހުކުމުގައިވަނީ ބަޔާންކޮށްފައެެވެ.

2011 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު، ލަކުޑި ބުރިއަކުން ބޮލުގައި ޖަހައި މިރުޒާ މަރާލާފައިވާއިރު މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނަޒީފްގެ މައްޗަށް އުފުލާފައިވާއިރު ގދ. ގައްދޫ ބޮކަރުގޭ ރިފްޝާނާއި ވ. ފަޒީލާމަންޒިލް ޝިފާއުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި މައްސަލައިގައި ނަޒީފްގެ އިތުރުން މުހައްމަދު ޝިފާއުގެ މައްޗަށް ހުކުންކޮށްފައިވާއިރު އަލީ ރިފްޝާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.