English Edition
Dhivehi Edition

ޗައިނާގައި މިވަގުތު ތިބި ދިވެހިންގެ ޙާލު ބަލަމުން އަންނަކަމަށާ، ދިވެހިންނަށް މިފަދަ ޙާލަތެއްގައި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާ ގުޅޭގޮތުން ވަމުންދާ ގޮތުގެ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ވިދާޅުވީ މިހާރު ޗައިނާގައި ތިބި ކަމަށް އެމްބަސީގައި ރަޖިސްޓްރީކޮށްފައިވަނީ 43 މީހުން ކަމަށާއި އޭގެ ތެރެއިން ޗައިނާއިން ބޭރުވާން އެއްވެސް މީހަކު އެދިއްޖެނަމަ އެކަން ވާނެ ގޮތް ފަހިކޮށްދެމުން އަންނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ވޫހާންގައި ތިބި ދިވެހިން ސަލާމަތާއެކު އިންޑިއާގެ ދިއްލީއަށް ގެންގޮސްފައިވާކަމަށާއި ދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައިވާ ދިވެހިންނަށް އެމީހުންގެ ޢާއިލާއާ ގުޅޭނެ އިންތިޒާމު ހަމަޖައްސަވައި އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ދާނެކަމަށެވެ. މިއަދު މެންދުރު 12 ޖަހާކަންހާއިރު އެކޭމްޕަށް އެމީހުން ފޯރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ޗައުލާގައި އެމީހުން ކަރަންޓީންކޮށްފައިތިބޭނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެ 7 ދިވެހިންނަށް އެތަނުގައި ތިބޭއިރު ޢާއިލާއާ ގުޅޭނެގޮތަށް މޯބައިލް ސިމާއި އެމީހުންނަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން އެމީހުން ހާލު ބަލަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ގިނަ ފަތުރުވެރިން އެބަތިބިކަމަށާއި، މިވަގުތު ރާއްޖެއިން ޗައިނާއަށް ސީދާ ދަތުރުތައް މެދުކަނޑާލާފައި އޮތްނަމަވެސް މިހާރު އަންނަ ފްލައިޓްތަކަކީ ޗައިނާގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއްކަމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު މިހާރު 300 އަށް އަރައެވެ. މީގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ މީހުން މަރުވެފައިވަނީ ޗައިނާގައެވެ.

.