މިއަދުގެ ތާރީޚު އޮޅުވައެއް ނުލެވޭނެއެވެ. މިއަދުގެ ހިތިކަން ފިލުވައެއް ނުލެވޭނެއެވެ. މިއަދަކީ ދިވެހި ތާރީޚު ދުށް އެންމެ ނުރައްކާތެރި ހަނގުރާމަ ހިނގިތާ 28 އަހަރު ފުރޭދުވަހެވެ.
މިއަދުގެ ޝަރަފުވެރިންނަކީ އެދުވަހުގެ ހަނގުރާމަކުރި ދިވެހިންނެވެ. ކާމިޔާބު ހޯއްދަވައިދެއްވި ބަޠަލުންނެވެ. އެ ބަޠަލުން އުފުއްލެވި ޝިޢާރު އަދިވެސް ދަނީ ދިވެހި ޖައްވުގައި ގުގުމަމުންނެވެ.
ގެއްލިގެންދިޔަ ނުދޭނަން މިގައުމުގެ އަބުރު ހެއްލިގެން ދިޔަބަޔަކު ގެއްލުނަސް އެކިފަހަރު
ބީވެގެންދިޔަ ނުދޭނަން މިގައުމުގެ ފަޚުރު ހޫނުލޭގާ ހިނގަންޏާ ހަނދާން ތިން ތަކުރު
ތެދެކެވެ. ދިވެހި ޤައުމުގެ އަބުރާއި ޝަރަފާއި ފަޚުރު އެދުވަހު ގެއްލިގެން ނުދިޔައީ ދިވެހި ސިފައިން އެދުވަހުވި ލޭގެ ޤުރުބާނުގެ މަތިވެރި ކަމުންނެވެ. އަދި އުތީމު ތިން ތަކުރުންގެ މާތްވެގެންވާ ޖިހާދުން ހިތްވަރު ލިބިގަނެ، އެދުވަހުގެ އުދުވާނާ ކުރިމަތިލައި މިބިމުން ފައްސައި ނަގައިލުމުންނެވެ.
އެދުވަހު ބާޣީންގެ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ފުރާނަތަކަށް ސުވަރުގޭގެ ދާއިމީ އުފާވެރި ނިޢުމަތް މާތް ﷲ މިންވަރު ކުރައްވާށިއެވެ.
1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިކުރުވި އުދުވާނީ ހަމަލާއިން ދިވެހިންނަށް ﷲ ނަޞްރު ދެއްވި ވަގުތުން ފެށިގެން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ. މާތްﷲ ދެއްވި މި މަތިވެރި ނަޞްރަށްޓަކައި އެކަލާނގެއަށް ޙަމްދު ހުއްޓެވެ.
ދިވެހިންނަށް ލިބުނު މިނަޞްރުގެ އުފާ މިއަދު އަޅުގަނޑުމެން ފާޅުކުރަމުންދާއިރު ހިތާމައިން ހިތް ރޮއްވާލާ އެއްކަމެއް އެބައޮތެވެ. އެއީ އެދުވަހުގެ ހަމަލާގައި ދިވެހިންތަކެއް ބައިވެރި ވުމެއެވެ. ދިވެހިންނަށް ވެތިބެ ދިވެހި ފަސްގަނޑުގައި ދިވެހިންނާ ދެކޮޅަށް ހަތިޔާރާއެކު އެމީހުން އެދުވަހު ހަރަކާތްތެރިވެފައި ވުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ. ރާއްޖެއަށް ދިމާވެފައިވާ މިފަދަ ނުރައްކާތެރި ކޮންމެ ހާދިސާއެއްގެ ފަހަތުގައި ކޮންމެވެސް ސިފައެއްގައި ދިވެހިންގެ ބަޔަކު ހިމެނިފައި ވުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އޭރުވެސް މިހާރުވެސް އަޅުގަނޑުމެންގެ އަޑަށް އެންމެ ބާރުލައިފައި މިކިޔަނީ އެންމެ ފުރަތަމަ ޤައުމު ކަމަށެވެ.
އެއީ އެއްވެސް މާނައެއްގައި ބުނާ އެއްޗެއް ކަމަށްވާނަމަ އަޅުގަނޑުމެންގެ އެތެރޭގެ ހަމަޖެހުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހެއެވެ. ޙަޤީޤަތުގައި ބޭރުންއަރާ ހަނގުރާމަ ތަކަށްވުރެ އެތެރޭގައި އުފެދޭ ހަމަނުޖެހުންތަކުގެ ނުރައްކާ މާބޮޑުކަމަށް ވެއެވެ. މިފަހަރުގެ ނަޞްރުގެ ދުވަސް އަޅުގަނޑުމެން ފާހަގަ މިކުރަނީ ސިޔާސީ ބޮޑު “ހަނގުރާމަ” އެއްގެ ތެރޭގައި ތިބެގެންނެވެ. މިފަދަ “ހަނގުރާމަ” އެއްގެ ތެރޭގައި ތިބެގެން ޤައުމާއިގެން އަޅުގަނޑުމެންނަށް ދެވޭ ދިމާއެއްވެސް ނޭނގި މަގު އޮޅިދާނެއެވެ. މިއީ ވިސްނަން ވެއްޖެކަމެވެ.
ތިނެއް ނޮވެމްބަރުގެ ހާދިސާއަށްވުރެ ބޮޑަށް ޤައުމަށް މިއަދު ދިމާވެފައިވާ ހާލަތާމެދު އަޅުގަނޑުމެންގެ ފިކުރު ބޮޑެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމުގެ މަސްލަހަތު އެންމެ ބޮޑަށް ހިފަހައްޓަންޖެހޭ ބޭފުޅުން “ސިޔާސީ ތަޅާފޮޅުވުމަކަށް” ދިޔުމަށްވުރެ ރައްޔިތުން ކަންބޮޑުވާނެ ދެވަނަކަމެއް ނޯންނާނެއެވެ. އެހެންވީމާ ނަޞްރުގެ ދުވަހު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނުކުމެ އަމާން ވެއްޓެއް ރާއްޖޭގައި ޤާއިމު ކުރުމަށެވެ. ދެވަނަ ކަމަކަށް އަޒުމް ކަނޑައަޅަންވީ ރާއްޖޭގެ ސިޔާސީ ހާލަތު މިހާރު ވެއްޓިފައިވާ ދަރަޖައަށް ދުވަހަކުވެސް ވައްޓާ ނުލުމަށެވެ. ތިންވަނަ އަޒުމަކަށް ވާންޖެހޭނީ މިކަންކަން މިގޮތަށް ދާއިމަށް ބޭއްވުމުވެ. ހަތަރުވަނައަށް އަޒުމް ކަނޑައަޅަންވީ އަވަށްޓެރި ގައުމުތަކާ ޒަމާނުއްސު ބާއްވަމުން އައިސްފައިވާ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ދެމެހެއްޓުމެވެ. އެހެނީ 3 ނޮވެމްބަރުގެ އުދުވާނާ ރާއްޖެ ކުރިމަތިލި ހިނދު އަޅުގަނޑުމެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ބަޔަކީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާ އިން ވަނީ ސޯޅަސަތޭކަ ސިފައިންގެ މައްޗަށް އެކުލެވޭ ފުރިހަމަ ލަޝްކަރެއް ޒަމާނީ ހަތިޔާރާއެކު އެހީގެ ގޮތުގައި ރާއްޖެއަށް ފޮނުވައިފައެވެ. އެކަމަށްޓަކައި އެދުވަހުވެސް މިއަދުވެސް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރަން ޖެހެއެވެ.
މި ފައުޖަށް ރާއްޖެ އާދެވުނުއިރު ހަނގުރާމަ ނިމުމަކަށް އައިސްފައި ވިޔަސް ބާޣީން ފިލައިގެންދިޔަ “ޕްރޮގްރެސް ލައިޓް” ގެ ފަހަތުން ގޮސް އެބޯޓު ފައްތައި އެއިން ދަތުރުކުރި މީހުން ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދިނީ އިންޑިއާ ސިފައިންނެވެ. އެއީ އަޅުގަނޑުމެން ހަނދާން ނައްތައިލައިގެންވާނޭ ކަމެއް ނޫނެވެ.
މިއަދަކީ އެހާދިސާއަށް އަނެއްކާވެސް އަހަރެއް އިތުރުވި ދުވަހެވެ. މިއަދު އަޅުގަނޑުމެން އެ އުދުވާނުގެމަތިން ހަނދާންކޮށް ޢިބުރަތް ލިބިގަންނަންޖެހެއެވެ. އެދުވަހުގެ ޝަހީދުވި ދަރީންގެ ހަނދާންތައް އައުކޮށް ދެން އެފަދަ ކަމެއް މިޤައުމަށް ކުރިމަތިވިޔަ ނުދިނުމުގެ އަޒުމު ކަނޑައަޅަންޖެހެއެވެ. އަދި ކުރިމަތިވިޔަސް އެބަޔަކާ ކުރިމަތިލައި ކާބަފައިން ދެއްކެވި ނަމޫނާގައި ހިފައި މިޤައުމު އެބައެއްގެ އަތުން ސަލާމަތް ކުރުމުގެ އަޒުމްވެސް މިއަދު ކަނޑައަޅަން އެބަޖެހެއެވެ.
އެ ދުވަހުގެ ހަނދާންތައް މިއަދު އައުކުރާއިރު ތަޢުރީފު ޙައްޤު ބަޔަކު އެބަތިއްބެވެ. އެއީ އެދުވަހު ޝަހީދުވި ޝަހީދުންގެ އާއިލާތަކެވެ. އެ އާއިލާތަކާއި އަޅުގަނޑުމެންނާއި މުޅި ޤައުމާއި ރައްޔިތުންގެ ހިތްވަރާއި އަޒުމަކަށް ހަދަންވީ ނޮވެމްބަރު ތިނެއްގެ ބަޠަލުންގެ އަޒުމެވެ. ހިތްވަރަކަށް ހަދަންވީ ބޮޑުތަކުރުފާނާއި، އަލީ ރަސްގެފާނާއި ދޮންބަންޑާރައިން ފަދަ ބޭފުޅުންގެ ހިތްވަރެވެ. އަޑަކަށްވާންވީ މިއަޑެވެ.
ކާބަފައިންނާ ޝަހީދުންގެ ޝަރަފަށްޓަކާ މައިންބަފައިންނާ މިވަޠަނުގެ ދަރިންނަށްޓަކާ
މާތްވި ދީނުގެ ވިދާ އަލިވި ނޫރަށްޓަކާ ހިތްވަރާ ޖޯޝު ގެނުވައެ ޖިހާދަށްޓަކާ