English Edition
Dhivehi Edition

ރާއްޖެއަށް ގެސްޓްހައުސްގެ ވިޔަފާރި ތައާރަފްވެގެން ދިޔައީ ދެހާސް އެގާރަވަނަ އަހަރުއެވެ.

މި ވިޔަފާރި ހުޅުވާލުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ގެސްޓްހައުސް އިމާރާތްތައް އުފުލެން ފެށިއެވެ. ފަތުރުވެރިން ގަޔާވާނެހާ ފަރުމާތަކަށް ހަދައިފައިވާ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އަންނަން ފެށީ ހީވެސް ނުކުރާހާ ގިނައިންނެވެ. އޭގެ ސަބަބުން އެވިޔާރިވެރިންގެ ޖީބުތައް ތަނަވަސްވާން ފެށިއެވެ.

ގެސްޓްހައުސްގެ ވިޔަފާރި ހުޅުވާލުމުން އެތަންނަށް އެހާބޮޑު ތަރުހީބެއް ލިބުނީ ބޮޑުއަގުގައި ތަންތަން ހިފުމުގެ ބަދަލުގައި ކުޑައަގެއްގައި ލިބެން ފެށުމުން ކަމަށްވެދާނެއެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ހުޅުވާލުމުން މާލެ ހިމެނޭ ސަރަހައްދުގެ ރަށްތަކުގައި މި ވިޔަފާރިވަނީ މެކުހަށްޖަހައިފައެވެ. އޭގެ ތެރޭގައި، ހުޅުމާލެ، ކ. މާފުށި، ހިންމަފުށި ފަދަ ރަށްތައް ފާހަގަކުރެވެއެވެ.

އެރަށްރަށުގައި މި ވިޔަފާރީގެ ފޯރި ހިފައިފައިވާއިރު އައްޑޫ ކޮބައިހެއްޔެވެ؟ އައްޑޫގެ ޒުވާނުން ކޮބައިހެއްޔެވެ؟ އެ ވިޔަފާރި އައްޑޫގައި ނުކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އައްޑޫގައިވެސް އެކަން އެބަކުރެއެވެ. އައްޑޫގެ ޒުވާނުންވެސް ބަލަންތިބީއެއް ނޫނެވެ. ރަށުގައި ގެންސްޓްހައުސްތައް އަޅަންފެށިއެވެ. ބައެއް ތަންތަން ނިމި ހުޅުވައިފިއެވެ. އަނެއްބައި ތަންތަން ނިމެނީއެވެ. އެއްބައި ތަންތަނުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީއެވެ. އެކަމަކުވެސް ބައެއްކަހަލަ ދަތިކަން އަދިވެސް އެބަހުރި ކަމަށް ބައެއް މީހުން ބުނެއެވެ. ގެސްޓްހައުސްއެއް އެޅުމަށް ރަނގަޅު ސަރަހައްދަކުން ބިމެއް ލިބުމަކީ މިހާރުވެސް އެހާ ފަސޭހަ ކަމެއް ކަމަށް ނުވެއެވެ. އެހެންވީމާ ސަރުކާރުން ޒުވާނުންނަށްޓަކައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް އުންމީދު ކުރެވެއެވެ.

އައްޑޫގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމުން ހިންމަފުށްޓާއި މާފުށީގައި އެ ވިޔަފާރިއަށް ލިބޭ ތަރުހީބު ލިބޭނެ ހެއްޔެވެ؟ ތަޖުރިބާކާރުން ބުނަނީ އެއަށްވުރެވެސް މަޝްހޫރުވާނެ ކަމަށެވެ. ސަބަބުތައްވެސް އެބަހުއްޓެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު އެކަމަށް އެންމެ އެކަށީގެންވާ އެންމެ ކުޅަދާނަ ބަޔަކު އެއްއަތޮޅަކުން ނަގާ ކަމަށްވާނަމަ އެބަޔަކު ނެގޭނީ އައްޑުއަތޮޅުންނެވެ.

އެމީހުންގެ ތަޖުރިބާއާއެކު އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރެވިދާނެ ސަބަބުތައްވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެއް ކަމަކީ އައްޑޫގެ ގިނަރަށްރަށް ގުޅިފައިވުމުން ޚިދުމަތް ދިނުމަށް ފަސޭހަވުމެވެ. އެއާޕޯޓުގެ ޚިދުމަތް ލިބެން އެބައޮތެވެ. ޓެކްސީ ސެންޓަރުތައް އެބަހުއްޓެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ޑައިވިންސްކޫލެއް މަރަދޫގައި އެބަހުއްޓެވެ. ގެސްޓުން ބޭނުންވާ ބައެއް ބުއިންތައް ގަމުގެ އީކުއޭޓަރވިލެޖުން ލިބޭނެއެވެ. އެހެން ރަށްރަށުން އެކަން ވާކަށްނެތެވެ. އެތަނުގައި މަސާޖުޕާލާވެސް އެހެރީއެވެ.

މިހުރިހާ ތަނަކަށްވެސް ވެހިކަލެއްގައި ނުވަތަ ޓެކްސީގައި ދެވޭނެއެވެ. ޓެކްސީގައި ދާކަމަށްވާނަމަ ރައްޔިތުމީހާގެ ޖީބަށް އެވަންނަނީ އެމެރިކާ ޑޮލަރެވެ. ފެންވަރު ރަނގަޅު ރެސްޓޯރެންޓް އެހުރީއެވެ. ފަތުވެރިން އަންނަ ކަމަށްވާނަމަ އެތަންތަނަށް އެވަންނަނީވެސް ހަމަ ޑޮލަރެވެ.

މިހިރީ އައްޑޫގައި ގެސްޓްހައުސްގެ ވިޔަފާރި އިންތިހާއަށް ތަރައްގީ ކުރެވިދާނެ ސަބުތަކެކެވެ. އައްޑުއަތޮޅު ކުރިއަރުވައި ތަރައްގީ ކުރަން ބޭނުން ކަމަށްވާނަމަ ސަރުކާރުންވީ މިތަނުގެ އިގްތިސާދު ތަރައްގީކޮށް ވަރުގަދަ ކުރުމަށް ހުޅުވާލާށެވެ. އޭރުން ރާއްޖޭގެ އެއްނަންބަރު ފަތުރުވެރި ކަމުގެ މަންޒިލަކަށް އައްޑޫވުމަކީ ވަރަށް ގާތްކަމެކެވެ. އޭރުން އޮސްޓްރޭލިއާ، އިޖީޕްޓް ބްރޭންޑް ފަދައިން އައްޑޫ ބްރޭންޑެއް ދުނިޔެއަށް ތައާރަފްކޮށް މާކެޓް ކުރުމުގެ ފުރުސަތު ލިބުން އޮންނާނީ މާދުރަކު ނޫނެވެ.

މިފަދަ ފުރުސަތު ލިބިދިނުމަށްވެސް ސަރުކާރުގެ އެހީ އެބަ ބޭނުންވެއެވެ. ލިންކް ރޯޑުގައި އެތިބަ ފަޅު ރަށްރަށުގެ ތެރެއިން އެންމެ ރަނގަޅު ސަރަހައްދެއް ބަލާފައި އެސަރަހައްދުން ބިންހިއްކައިފައި ބީޗުހަދާފައި އެ ސަރަހައްދުގައި ހޮޓާ އަޅަން ހުޅުވާލަންވީއެވެ. ޔަގީނުންވެސް ހޮޓާއަޅާނެ މީހުންވާނެއެވެ.

މިކަންކަމަށް ބޭނުންވަނީ ރިސްކުނެގުމާއި، ކެރުމާއި، ފަށައިގަތުމެކެވެ. ފަތުރުވެރިކަމުގެ ވަރުގަދަ ބްރޭންޑެއް އައްޑޫގައި އުފައްދަން ބޭނުންނަމަ ޒުވާނުން ނުކުންނަން ޖެހެއެވެ. އެހިސާބުން ސަރުކާރުން ޒުވާނުންނަށް އެހީވާން ޖެހެއެވެ. ޒުވާނުންގެ ސަރުކާރުން ޒުވާނުންނަށް އެހީވާނެތާއެވެ.
ޒުވާނުންނޭވެ! ކުރިމަތިލާށެވެ. މަސައްކަތް ފަށައި އައްޑޫ ތަރައްގީ ކުރާށެވެ. އައްޑޫގެ އިގްތިސާދަކީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު އެއްބަޔަށް ހެދޭނީ ވަރުގަދަ އަޒުމަކާއެކު ގެސްޓްހައުސް ވިޔަފާރިތަކަށް ޒުވާނުން ނުކުމެގެންނެވެ.