English Edition
Dhivehi Edition

މިއަދަކީ ޖޫމްހޫރީ ދައުލަތެއް ރާއްޖޭގައި ގާއިމްކުރެވުނުތާ އަހަރެއް ފުރުނުދުވަހެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ.

ޖުމްހޫރީ ދައުލަތުގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާދައުލަތެވެ. މިވެރިކަމުގައި ބާރު އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންވީމާ މިގޮތަށް ރައްޔިތުންނަށް ކޮށްދޭ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެވެ. މިފަދަ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަމެއްވެސް ނިންމަންވާނީ އެކަމަކަށް ރައްޔިތުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ. ނުވަތަ ރައްޔިތުން ނިންމާ ގޮތެއްގެ މަތީންނެވެ.

މިފަދަ ކަންކަމަށް ރައްޔިތުން ކަނޑައަޅާފައިވާ އުސޫލު ލިޔެފައިވަނީ ގާނޫނު އަސާސީގައެވެ. އޭގައި އެފަދަ ކަންކަންވަނީ ލިޔެވި ސާފުކޮށް ބަޔާން ކުރެވިފައެވެ.

ވިރާސީ ރަސްކަމާ ޚިލާފަށް ޖޫމްހޫރީ ދައުކަތުގެ އެންމެ އިސްވެރިޔަކަށް ހުންނަންވާނީ ރައްޔިތުންގެ ރުހުމާއެކު އިންތިޚާބު ކުރެވޭ ވެރިއެކެވެ. ދިވެހި ޖުމްހޫރިއްޔާއަށް މިއަދު އަހަރެއް ފުރުނުއިރު ވެރިކަމުގައި ހުންނެވީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެއެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 1953 ވަނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ދިމާވި ތަފާތު ދަތިކަންކަމާހެދި މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ 7 މަހާއި 21 ދުވަހަށެވެ. އަނެއްކާވެސް ވެރިކަން ރަސްކަމަކަށް ބަދަލުކުރީއެވެ. އެއާއެކު 1954 ވަނައަހަރު މާރިޗު ހަތްވަނަ ދުވަހު އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލް ރަސްކަމަށް އިސްކުރެވުނެއެވެ. މިރަސްކަން ނިމުމަށްފަހު އަނެއްކާވެސް ރާއްޖޭގެ ވެރިކަން ޖޫމްހޫރިއްޔަތަކަށް ބަދަލުކުރީއެވެ. އެއީ 1968 ވަނަ އަހަރު ނޮމްވެމްބަރ 11 ވަނަ ދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ވަޑައިގެންނެވީ އިބްރާހީމް ނާސިރެވެ.
ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރީ ރައްޔިތުން ބޭނުންވެގެންނެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ހިންގާތާ 48 އަހަރުވީއެވެ. ފާއިތުވި މުއްދަތުގައިވެސް އޭގެ ކުރިންވެސް އަދި މިހާރުވެސް މުހިންމީ ނިޒާމެއް ނޫނެވެ. ވެރިކަމަށް ކިޔާނަމެއްވެސް ނޫނެވެ.

ކޮންމެކަހަލަ ވެރިކަމެއް އޮތަސް ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން އޮތުމެވެ. އަދުލުވެރިކަމާއި އިންސާފު އޮތުމެވެ. ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިވެފައިއޮތުމެވެ. އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނާއި ވަކިވަކި ފަރުދުންނަށް ޚިދުމަތް ދިނުމެވެ. މިކަންކަން ކޮށްދޭ ވެރިކަމުގެ ނިޒާމަކީ ނުވަތަ ވެރިއަކީ ރައްޔިތުންގެ އިތުބާރާއި ރުހުން ލިބޭނެ ވެރިއެކެވެ.