އެމްޑީޕީ ޓިކެޓުން ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީ މީދޫ ދާއިރާއިން ނާދިޔާ ހަސަން އަދި އާއިޝަތު ޝޫޒާ ވާދަކޮށް އެމްޑީޕީ ޓިކެޓު އާއިޝަތި ޝޫޒާ ކާމިޔާބު ކޮށްފިއެވެ.
ހުކުރުދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ނާދިޔާ އާއި ވާދަކޮށް ޝޫޒާ ކުރި ހޯއްދެވީ 34 ވޯޓުގެ ތަފާތަކުންނެވެ.
މާލޭގެ ވޯޓު ފޮށިން 91 ވޯޓު ޝޫޒާ ހޯއްދެވި އިރު މީދޫގައި ބެހެއްޓި ފޮށިން 214 ވޯޓު ހޯއްދަވައި ޝޫޒާ މިޓިކެޓް ކާމިޔާބު ކުރެއްވީ މުޅިއެކު 305 ވޯޓުންނެވެ. މާލޭގައި ބެހެއްޓި ވޯޓުފޮށިން ނާދިޔާ އަށް 35 ވޯޓު ލިބިފައިވާއިރު މީދޫގެ ވޯޓު ފޮށިން ނާދިޔާ ހޯއްދެވީ 236 ވޯޓެވެ. ނާދިޔާ އަށް ލިބިފައިވަނީ ޖުމްލަ 271 ވޯޓެވެ.
އެމްޑީޕީ ޓިކެޓުން ލޯކަލް ކައުންސިލް އިންތިޙާބުގައި އައްޑޫސިޓީ މީދޫ ދާއިރާގެ ޓިކެޓް އައިޝަތު ޝޫޒާ ކާމިޔާބު ކުރައްވާފައިވާ އިރު މިހާތަނަށް މީދޫ ދާއިރާއަށް ކުރިމަތިލުމަށް އިތުރު ދެ ފަރާތަކުން ވަނީ ޝައުގުރިކަން ފާޅުކޮށްފައެވެ. މި ގޮތުން ޕީޕީއެމް ޓިކެޓްގައި އާމިނަތު ސާލިހާ ވާދަކުރައްވަން ނިންމާފައިވާއިރު މި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ރަޝީދާ އިބްރާހީމްވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ގުރުނެގިއިރު މީދޫ އަށް ލިބިފައިވަނީ ހަމައެކަނި އަންހެނުންނަށް ވާދަކުރެވޭ ގޮނޑިއެކެވެ. މި މައްސަލައިގައި އެމްޑީޕީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވީ ނަމަވެސް ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޕްރައިމަރީގައި ވޯޓުލާފައެވެ.