English Edition
Dhivehi Edition

ހުރިހާ އެންމެން މާސްކް އެޅުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ޑޮކްޓަރުންނާއި ސައިންސްވެރިން ވެސް އިލްތިމާސްކުރާ ކަމެއް ނޫންކަމަށާއި ހުރިހާ މީހުން މާސްކް އެޅުން މުހިއްމު ނޫން ކަމަށް ޑރ.މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް މާސްކް އާއްމުންނަށް ދެނީ ބަލި ޖެހިފައިވާ މީހުން ބޭރަށް ދާއިރު އަޅަން ކަމަށާއި، މިހާރު މާސްކް ބޭނުން ކުރަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރިކަން ފާހަގަކުރައްވަމުން ޑރ.މޫސާ ހުސެއިން ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއެއް ބޭނުން ކުރުންކަމަށެވެ. އަދި ޓިޝޫ ރަނގަޅަށް ނައްތާލުމުގެ އިތުރުން އާދައިގެ ސައިބޯންޏަކުން އަތް ދޮވެލުމުންވެސް މި ވައިރަހުން ސަލާމަތް ވެވޭނެކަމަށް ޑރ.މޫސާ ހުސެއިންވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަގުމައްޗަށް ކުޅު ޖެހުން ފަދަ ކަންކަން ހުއްޓާލުމާއި ރޯގާޖެހިފައި ހުރި މީހެއް ނަމަ މާސްކް އެޅުމަކީ މުހިއްމު ކަމެއްކަމުގައި ޑޮކްޓަރުވަނީ ވިދާޅުވެފައެވެ.

ރާއްޖެ އޮތޯ ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެނަމަ ފަރުވާ ދެެވޭ ހާލަތުގައި ކަން ޔަގީންކޮށްދެއްވަމުން ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ ޑްރޮޕްލެޓް އިންފެކްޝަންއަކަށް ވުމުން އިންފެކްޝަން ފަސޭހައިން ނުފެތުރޭކަމަށެވެ. އަދި މި ބައްޔާއި މެދު އާއްމުން ހާސްވާން ނުޖެހޭކަމަށް މި ޓީމުން ވަނީ ވިދާޅުވެފައެވެ.