English Edition
Dhivehi Edition

އެމްޑީޕީގެ ޕްރައިމަރީ މިއަދު ކާމިޔާބު ކުރާ ކެންޑިޑޭޓުންނަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓުންކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އޮތް އެއްމެ ބޮޑު ސިޔާސީ ޕާރޓީގެ ޕްރައިމަރީއަކީ، ޕާރޓީގެ މެމްބަރުން ވަރަށް ފޯރިއާއި އެކު ފުރިހަމަ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ. ޕާރޓީގެ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުންނާއި މުޅި ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވަނީ ވޯރކްޝޮޕްތައް ހިންގިފައެވެ.

“ޕްރައިމަރީއަށްފަހު އެނގޭނެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލަށް އިންތިހާބު ކުރާ ކެންޑިޑޭޓުން. އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ޝައްކެއްނެތް، އެ ކެންޑިޑޭޓުންނަކީ [ލޯކަލް ކައުންސިލް އިންތިހާބު] ކާމިޔާބު ކުރާނެ ކެންޑިޑޭޓުން،” އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަން އެއްމެބޮޑު އަސާސީ ދަލީލަކީ މިއަދު ވޯޓްލާމަރުކަޒު ތަކުން ތިޔަ ފެނިވަޑައިގަންނަވާ މަންޒަރު،” ކަމަށް އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމަށް ރިއާޔަތްކޮށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާތަކާއެކު އެ ގާނޫނު ފުރިހަމަ އަށް ހިންގަން ފެށުމުން ރާއްޖޭގެ ރައްވެހިކަމަށް ވަރަށް އުޖާލާ ފަތިހެއް އަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތައް މިފަހަރު ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކައުންސިލްގެ ދައުރު ދިގުކޮށް، މާލީ ބާރުވެރިކަމާއި އަމިއްލަ އަށް މަޝްރޫއުތައް ހިންގުމުގެ ބާރުވެސް އެ ގާނޫނުގެ ދަށުން ކައުންސިލްތައްކަށް ވަނީ ދީފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު، 90000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގައި 93 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިހާރު ކުރިއަށް އެބެދެ އެވެ. ވޯޓްލުން ބަންދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ހުގައެވެ.