English Edition
Dhivehi Edition

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން މުޅި ދުނިޔެއަށް އެމެޖެންސީ އިޢުލާންކޮށްފިއެވެ.

ޑަބުލިއު. އެޗް. އޯއިން މިކަން އިއުލާން ކޮށްފައިވަނީ ސްވިޒަލެންޑުގެ ޖެނީވާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔުސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިކަށި ސިއްހީ ނިޒާމް ހުރި ގައުމުތަކުގައި ވައިރަސް ބޮޑަށް ފެތުރިދާނެތީ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީގައި ހަލުވިކަމާއެކު ފެތުރުނު މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 171 އަށް އަރާފައިވާއިރު މުޅިއެކު 8150 މީހުންނަށް މި ބަލިވަނީ ޖެހިފައެވެ. އަދި 12،167 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނުނުކަން މިރޭ ހެލްތު މިނިސްޓްރީން ވެސް ވަނީ އިއުލާނުކޮށްފައެވެ. ޝައްކު ކުރެވޭ މީހާ ޗައިނާގައި އުޅުނު ސަރަހައްދުގައި ބައްޔަށް ޝައްކު ކުރެވިފައި ވަނީ 101 މީހުން ކަމާއި ބަލި އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ވޫހާން އަދި އެ ޕްރޮވިންސްގެ އެހެން ސިޓީއަކަށް އޭނާ ދަތުރުކޮށްފައެއް ނުވާ ކަމަށް މިނިސްޓްރީން މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވަނީ ބުނެފައެވެ.

އެ މީހާ މިހާރު ހުރީ ފުނަދޫގެ އައިޒޮލޭޝަން ފެސިލިޓީޒްގައި ކަމަށާއި އޭނާގެ ހާލު މި ވަގުތު ރަނގަޅު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.