މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީސޯ)ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއޭސީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި ފެށޭ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމާއި ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ކޯޕަރޭޓް ސެކްޓަރގައި މަދުވެގެން 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އޭގެ ތެރެއިން އޭވިއޭޝަން ދާއިރާގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ އަދި ސީ-ސުއީޓް ލެވެލްގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އެމްއޭސީއެލް އިން ބުނީ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރާނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޤާމަށް މީހަކު ބޭނުންވަ މިންވަރަށާއި އެމީހާގެ މަސައްކަތަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ.
އަދި ސީއީއޯގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ވަނަވަރާއި، ސެޓްފިކެޓްތަކުގެ ކޮޕީ އާއި ފޮޓޯ އަކާއި، ދެ ރިފަރެންސް ލެޓަރ އަދި މިހާތަނަށް ލިބެމުން އައި މުސާރަ އާއި އުއްމީދުކުރާ މުސާރަ ބަޔާންކޮށް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ޗީފް ފިނޭންސް އޮފިސަރ (ސީއެފްއޯ)ގެ މަޤާމަށް މީހަކު ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ.
އެމްއޭސީއެލް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި ކަމަށްވާއިރު، އެ ކުފުނީގެ ދަށުން 3،200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.
އެމްއޭސީއެލް އަކީ ސަރުކާރުގެ 21 ކުންފުނީގެ ތެރެއިން ސީއީއޯއެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ހަމައެކަނި ކުންފުންޏެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެ ކުންފުނީގެ ސީއީއޯގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙްގެ ބޮޑުބޭބޭފުޅު، މޫސާ ޞާލިޙް އެވެ.