English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދާ ބެލެނިވެރިންނާ ދެކޮޅަށް އަންނަ މަހު ދައުވާކުރަން ފައްޓަވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ އިއްޔެ އޭނާގެ ދަރިފުޅަށް ހިމަބިހީގެ ވެކްސިން ދެއްވުމަށްފަހު ދަރިފުޅާއެކު ނެންގެވި ފޮޓޯއެއް އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޕީޖީ ވިދާޅުވީ މީސަލްސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރައްވާފައިވާ ކަމަށާއި، ދެވަނަ ޑޯޒް ދޭންޖެހެނީ އަންނަ މަހު ކަމަށެވެ. އަދި ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދާ ބެލެނިވެރިންނަށް 22 ދުވަސް ފަހުން ދައުވާ ކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތަކުން އެކުދިން މަޙްރޫމްކޮށް، އެކުދިންނަށް ދޭންޖެހޭ ވެކްސިންތައް ދިނުމުގައި އިޙުމާލުވި މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަޞްދީޤުކުރައްވައި ގެޒެޓްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުން ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމަކީ، އެކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ. އަދި އެ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުން ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިޢުތިރާޟްކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެނެއް ނުވާ ކަމަށެވެ.

އަދި ހަމަ އެ މާއްދާގެ (ބ)ގައި ބުނެފައި ވަނީ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކޮށް،އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.