English Edition
Dhivehi Edition
ޓެކްސް އެޕީލް ޓްރައިބިއުނަލް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ، އެ ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، އިއްޔެއިން ފެށިގެން 02 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ވެސް ލިބޭނެ ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ. ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

ޓްރައިބިއުނަލް އަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންވެސް މައްސަލައިގެ ހަޤީޤަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްޙޫރިއްޔާއެވެ.