English Edition
Dhivehi Edition

ހާލުގައި ޖެހުނު ބޭރުގެ މަސްބޯޓަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑިއެފް އިން ބުނީ ފުރަތަމަ ރިޕޯޓް ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓަރ ކުރަމުންކަމަށެވެ. މިހާރު މި ބޯޓު އޮތީ، ކ.ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ނޫރައްދީން ލޯންޗުގައި ސިފައިން ދަނީ ހާލުގައި ޖެހިފައިވާ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެ ބޯޓު އޮތް ސަރަޙައްދަށް ދަތުރުކުރަމުންނެވެ. ނޫރައްދީން ލޯންޗަށް އެ ސަރަޙައްދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 21:30 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ ހާލުގައި ޖެހިފައިވާ އެ ބޯޓުގައި ހަ މީހުން ތިބި ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.