English Edition
Dhivehi Edition
ޅ. ނައިފަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ (އަޙްމަދު ޝިޔާމް)

ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ އެކި ދުވަސް މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދައްކާފައިވާކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 06:10 ގައި ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް. އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައާއި ގުޅިގެން ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް ބަންދު ޖަހާފައިވާއިރު، އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ޖިންސީ ގޯނާގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާއިރު، ދެކުނުގެ އަތޮޅެއްގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވެސް އުމުރުން 56 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، 14 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިހަފްތާ ބަންދުތެރޭވެސް ވަނީ ފިތްކަނޑައިގެންދާ ވަރުގެ އެތައް ވާހަކަ އަކާއެކު 12 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ދުލުން އޭނާގެ ބައްޕަކުރި ގޯނާގެ ވާހަކަ އިވިގެންގޮސްފައެވެ. މިޙާދިސާ ފެންމަތިވުމާއެކު އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް ތަޙްޤީޤު ފަށާފައެވެ.