ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުގައި ބަހައްޓާފައި ހުންނަވަނީ ކުރީގެ ދެ ރައީސުން ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ބަންދުކޮށްފައި ބެހެއްޓި ތަނުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
“މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގަ” ހޯމް މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން މިފަދައިން ޕޯސްޓެއް ކޮށްފައިވާއިރު ހޯމް މިނިސްޓްރީ އިންވެސް ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައި އެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ރައީސް ޔާމީންގެ ޖަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް އެ މިނިސްޓްރީ އަށް ކޮށްފައި ނުވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ޙައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް
ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލު މަނީ ލޯންޑަރ ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ޔާމީން ގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފައި އެވެ.