ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން އެމްޑީޕީން ބޭއްވި އައްޑޫ ކައުންސިލް ސެމިނަރ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މާލެ ފުރާވަޑައި ގަންނަވައިފިއެވެ.
އިއްޔެ ހެނދުނު 10:00 ގައި ހިތަދޫގެ ޝަރަފުއްދީން ސްކޫލްގައި ފެށި، މި ސެމިނަރ ނިންމާލީ ހަވީރު 17:00 ގައެވެ.
މި ސެމިނަރގައި އައްޑޫސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނާއި ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކާއި،ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައްވަނީ ބައިވެރި ވެ ވަޑައިގަންވާފައެވެ.
މިސެމިނަރ ކުރިއަށް ގެންދެވިފައިވަނީ ދެ ޝަނަކަށްބަހާލައިގެންނެވެ. ހެދުނު ސެޝަނުގައި މަޖިލިހުގެ މެމްބަރުންވަނީ، ސެމިނަރގެ ބައިވެރިންނާއި ތަފާތު މަޢުލޫމާތު ޙިއްސާކޮށްފައެވެ.
އެގޮތުން އެންމެ ފުރަތަމަ ސެމިނަރގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ގުޅޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި އެ އިޞްލާޙުތައް ގެނެވިފައި އޮތް މިންވަރާއި ސިޓީތަކަށް އެ ގާނޫނުގެ ދަށުން ލިބިގެންދާ ބާރުތަކާއި ގުޅޭގޮތުންނެވެ. މި މަޢުޟޫއަށް ވާހަކަ ދައްކަވާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.
މިއަހަރު ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، އައްޑޫގެ ފެނާއި، ނަރުދަމާއާއި، ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢީދު ބައިވެރިންނަށް މަޢުލޫމާތު ދެއްވިއިރު، މިއަހަރު އައްޑޫ ސީޓީއަށް ލިބިފައިވާ ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވީވެސް މެންބަރު އިލްޔާސް ލަބީބެވެ.
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ މި ސެމިނަރގައި ވާހަކަދައްކަވާފައި ވަނީ، ލާމަރުކަޒީ ނިޒާމު ނުވަތަ ލާމަރުކަޒީ ޤާނޫނު ރޫޅާލުމަށް ރައީސް ޔާމީނާއި ޕީޕީއެމުން ކުރި މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.
މެންދުރުފަހު ކުރިއަށް ގެންދިޔައީ ވަރކިން ސެޝަނެކެވެ. މި ސެޝަން ކުރިއަށް ގެންދިޔައީ 7 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް އައްޑޫ ސިޓީގައި ހިންގުމަށް ފެންނަ މަޝްރޫޢެއްގެ ޚުލާސާއެއް އެކުލަވާލާ ޕްރެޒެންޓޭޝަން ދީފައިވެއެވެ.
ރައީސް ނަޝީދުވަނީ ސެމިނަރގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާ ޢަމަލީ ގޮތުން ސެމިނަރގައި ބައިވެރިވެވަޑައި ގަންނަވާފައެވެ. ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައި ގެންނެވީ ހުކުރު ދުވަހުގެ ހަވީރެވެ.