English Edition
Dhivehi Edition
އީސީގެ މެމްބަރު ފުއާދު ތައުފީޤު އަދި އަހްމަދު އަކްރަމް - ފޮޓޯ: ޓްވިޓާ (އީސީ)

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް 41 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ 24 ޖެނުއަރީގެ ނިޔަލަށް ވޯޓާސް ލިސްޓަށް ޖުމްލަ 41 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ހިނގާ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާކަންވެެސް އީސީ އިން ވަނީ ހަނދާންކޮށްދީފަ އެވެ.

އީސީ އިން އާންމުކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 269،562 މީހުނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެ އެވެ. ނަމަވެސް އެ ލިސްޓަށް ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހު އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

އީސީ އިން ބުނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ، ދިވެހި ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ރަޖިސްޓްރީގެ މައުލޫމާތު VR space IDNO ޖެއްސެވުމަށްފަހު 1414އަށް އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

04 އޭޕްރީލް 2020 ވާ ހޮނިހިދު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިޚާބުގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށްވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އީސީ އިން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންކަމަށެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް އީސީ އިން ވަނީ ބުނެފައެވެ.