English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަދައްކަން ޕީޕީއެމްއިން ލަދުގަންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ “އެޖެންޑާ 19 ރަށަށް”ގެ ނަމުގައި ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އައްޑޫ ސިޓީގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަ ޕީޕީއެމްއިން ދައްކަން ލަދުގަންނަން ޖެހޭ ސަބަބަކީ ޕީޕީއެމްއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ވެސް، ލާމަރުކަޒީ ނިޒާމު ރޫޅާލަމުން އަންނާތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ލާމަރުކަޒީ ނިޒާމް ވަރުގަދަކޮށް، ފުރިހަމަކުރަން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަކީ ޕީޕީއެމްއަށް ބީރައްޓެރި ނިޒާމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ބަޔަކާއި އެ ނިޒާމު ހަވާލުކޮށްގެން ނުވާނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވިގެންދިޔަ ވޯމްޝޮޕްގައި ނަޝީދު ވަނީ އައްޑޫސިޓީގެ ތަރައްޤީއާއި ބެހޭގޮތުން ވާހަކަ ދައްކަވާފައި އެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި އައްޑޫސިޓީއަށް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޕާޓީގެ ޙަރަކާތްތައް ފަށާފައި ވަނީ މުޅި ރާއްޖެއަށެވެ.