English Edition
Dhivehi Edition

ކިނބިދޫ ސްކޫލްގެ ގްރޭޑް 1 ކުން 10 ގެ ހުރިހާ ދަރިވަރުންނަށް ކޯޑިން ކިޔަވައިދޭން އެ ސްކޫލުން ފަށައިފިއެވެ. އެ ސްކޫލުން މައުލޫމާތު ދިން ގޮތުގައި މިއީ މިދިޔަ އަހަރު އެ ސްކޫލުގައި ހިންގި ކޯޑިން ކްލަބުގެ ތަޖުރިބާގެ އަލީގައި ނިންމި ނިންމުމެއް ކަމަށެވެ.

ކިނބިދޫ ސްކޫލުން ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި ގިނަ ދަރިވަރުންގެ ޝައުގުވެރިކަން މިކަމަށް ފާޅުކޮށްފައި ވާތީ މިއަހަރު އެ ސްކޫލުގެ ޓައިމްޓޭބަލްގައި ހިމަނައިގެން އެ ސްކޫލުގައި ކޯޑިން ދަސްކޮށްދޭން ފެށީ ކަމަށެވެ.

އެ ސްކޫލުން މައުލޫމާތުދިން ގޮތުގައި މި އަހަރު ސްކޫލު ހުޅުވުމާއި އެކު ސްކޫލުގެ 38 ޓީޗަރުން މިކަމަށް ތަމްރީނުކޮށްފައި ވެއެވެ. އަދި ޓައިމްޓޭބަލްގައި ހިމަނައިގެން ކޮންމެ ހަފްތާއަކު 1 ގަޑިއިރު ކޯޑިން ކްލާހެއް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ސްކޫލުން މައުލޫމާތު ދިނެވެ. އަދި މި ކުލާހުގައި ސްކޫލުގެ ގްރޭޑު 1 ކުން 10 އާއި ދެމެދުގެ ހުރިހާ ކުދިން ބައިވެރި ވެއެވެ.

ކޯޑިންއަށް ހާއްސަ ވެބްސައިޓު، code.org ގައި އެ ސްކޫލުގެ ހުރިހާ ކުދިންނާއި ޓީޗަރުން ރަޖިސްޓްރީވެފައިވާކަމަށް ސްކޫލުން މައުލޫމާދު ދެއެވެ. އަދި ކޮންމެ ހަފްތާއަކު ވެސް އެ ވެބްސައިޓުގެ “އަވާ އޮފް ކޯޑް” ގައި އެ ސްކޫލުން ބައިވެރިވެއެވެ.