English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އެއްފަހަރާ “އެޖެންޑާ 19 ރަށަށް “ގެ ނަމުގައި ކުރިއަށްދާ ވޯކްޝޮޕް ތަކުގެ ތެރެއިން އައްޑޫސިޓީގެ މަސައްކަތު ބައްދަލު ވުން ފެށިގެން ކުރިއަށް އެބަދެއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖެހިއިރު ފެށި މި ވޯކްޝޮޕް އޮތީ ހިތަދޫ ޝަރަފުއްދީން ސްކޫލް ހޯލްގައެވެ. ވޯކްޝޮޕް ފައްޓަވައިދެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދެވެ. މަސައްކަތު ބައްދަލު ވުން ފެށިގެން ދިޔައީ އިރުވައި ކޮންފަރެންސް ގެ ނަމުގައި ތައްޔާރުކޮށްދައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުންނެވެ.

މި މަސައްކަތު ބައްދަލު ވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ”އެޖެންޑާ 19 ރަށަށް” ސްލޯގަންގެ ދަށުން ރަށްރަށުގައި ހަރަކާތްތެރިވާ ޓީމުތަކުން ”ދޮރުން ދޮރަށް” ގޮސް އެއްކުރި މައުލޫމާތުތަކުގެ އިތުރަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ގުޅޭ ޤާނޫނަށް ގެނެވުނު އިސްލާޙް ތަކާއި އެޤާނޫނުގެ ދަށުން ސިޓީ ކައުންސިލް ތަކަށް ލިބިގެންދާ ބާރުގެ މައްޗަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މިއަހަރު އައްޑޫސިޓީއަށް ކަނޑައެޅިފައިވާ ބަޖެޓުން ހިންގަން ކަނޑައަޅާ މަޝްރޫޢު ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން އޮންނާނެއެވެ. މީގެ އިތުރުން އެމްޑީޕީއިން ފެށި ލާމަރުކަޒީ ނިޒާމް ރޫޅާލުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތާއި ގުޅޭ ގޮތުންވެސް މި މަސައްކަތު ބައްދަލު ވުމުގައި މަޢުލޫމާތު ފޯރުކޮށްފެވޭނެއެވެ.

ހެނދުނުގެ ސެޝަނަށް ފަހު މެންދުރު ފަހު އޮންނާނީ ވޯކިން ސެޝަން ތަކެކެވެ. ތަފާތު ގްރޫޕް ތަކަށް ބަހާލައިގެން ބާއްވާ މިސެޝަން ތަކުން ކޮންމެ ގްރޫޕަކުންވެސް އައްޑޫސިޓީ ގައި ހިންގުމަށް ފެންނަ މަޝްރޫޢެއް ހުށަހަޅައި ދޭނެއެވެ.

އެމްޑީޕީގެ މަސައްކަތު ބައްދަލު ވުން ނިމޭނީ މިއަދު ހަވީރު 5 ޖަހާއިރުއެވެ.