English Edition
Dhivehi Edition

މިއަދު އެކަނިވެސް 2 މީހަކު ހިމަބިއްސަ ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ މިއަދު ޓެސްޓް ކުރި 9 މީހުންގެ ތެރެއިން 2 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށެވެ.

މިއަދު ހިމަބިއްސަށް ޓެސްޓުކުރި މީހުންގެ ތެރެއިން ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ބައެއް ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ އިއްޔެވެސް 9 މީހަކު ހިމަބިއްސަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ޓެސްޓު ކުރެވުނު އެއްވެސް މީހެއްގެ ގައިން އެ ބަލި ފެނިފައި ނުވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަނެއްކާވެސް ރާއްޖެއިން ހިމަބިހި ފެނިފައިވާއިރު މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 2 މީހުންނާއި އެކު މިހާރު ވަނީ ހިމަބިހި ޖެހިފައިވާ 9 މީހުން ފެނިފައި އެވެ.

ހިމަބިހި ނައްތާލެވިފައިވާތާ އަހަރުތަކަކަށްފަހު މި ބަލި ފެނިފައި ވަނީ މި މަހުގެ ތެރޭގައި އެވެ. ސަރުކާރުން އަންނަނީ މި ބަލި ކޮންރޯލް ކުރުމަށް މި ބައްޔަށް ވެކްސިން ނުޖަހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ.