ރާއްޖެ އިން އެދިގެން އިންޑިޔާއިން ރާއްޖެއަށް ތިރީސްހާސް ހިމަބިހި ވެކްސިން ޑޯޒް މިއަދު ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވިޚާއްސަ ރަސްމިއްޔާތެއްގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ގިނަ އަދަދެއްގެ ވެކްސިން ޑޯޒްތައް ރާއްޖެ އަށް ހަދިޔާ ކުރީ ކުއްލި ގޮތަކަށް ރާއްޖެއިން އެދުމާ ގުޅިގެން ކަމަށެވެ. އަދި މިކަމުގައި އިންޑިއާ އިން އަވަސް އިޖާބައެއް ދެއްވާފައި ވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
އިންޑިޔާ ސަފީރު ވިދާޅުވީ މިއީ ސިއްޙަތާއި ގުޅުން ހުރި ކަމަކަށްވާތީ އިންޑިއާ އިން ބެލީ ވީހާވެސް އަވަހަކަށް މިކަން ފުރިހަމަކޮށްދެވޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ ސިއްޙީ ދާއިރާއިން ރާއްޖެއަށް ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް އެޤައުމުން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ.
ހެލްތު މިނިސްޓަރ އިންޑިޔާއިން ވެދެއްވި އެހީއަށް ޝުކުރު ދަންނަވަމުން ވިދާޅުވީ ކުއްލި ގޮތަކަށް އެޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުން އުފާވާކަމަށެވެ. އަދި މިފަދަ ކޮންމެ ކަމަކުން ދޭހަވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ހިމަބިހީގެ 4 ކޭހެއް ރިޕޯޓުކުރުމާއި ގުޅިގެން ހިމަބިއްސަށް ވެކްސިން ނުޖަހާ ފަރާތްތަކުން އެ ބައްޔަށް ވެކްސިން ޖެހުމަށް ސަރުކާރުން އިލްތިމާސް ކުރެއެވެ. އަދި ގިނަ ފަރާތްތަކަކުން ވަނީ ހިމަބިއްސަ ވެކްސިން ވެސް ޖަހައިފައެވެ.