ގއ. ކަނޑުހުޅުދޫ އަކީ ހުވަދު އަތޮޅާއި ޤައުމު ބިނާކުރުމުގައި ހަރުދަނާ އެތައް ޝަޚުސިއްޔަތެއް ނިސްބަތްވާ ރަށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ “ކަނޑުހުޅުދޫ އެންމެންނަކީ ގޯސްބައެއް ނޫން. ރަށަށް މަލާމާތްކޮށް ޖޯކް ޖެހުމަކުން އިސްސާފެއް ނުލިބޭނެ”، މިހެން ލިޔެފައި އޮތް ފޮޓޯއެއް އެޓޭޗްކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Kanduhulhudhoo aky Huvadhu atholhai gaumu binā kurumuga harudhanā ethah sahusiyyatheh nisbaivā rasheh. Madhu bayaku kurā kushehgge sababun mulhi rashai rayyithun goas kurumakun halleh nei, hallu kureveynee Kuh kuraa meehunah islamee sharia ga vaa haggu adhabu thanfeez koggen. pic.twitter.com/0ktciEXXo3
— Saud Hussain MP (@SaudVillingili) January 23, 2020
އެ ޓްވީޓްގައި ސައުދު އިތުރަށް ވިދާޅުވެފައި ވަނީ މަދު ބަޔަކު ކުރާ ކުށެއްގެ ސަބަބުން މުޅި ރަށާއި ރައްޔިތުން ގޯސްކުރުމަކުން ޙައްލެއް ނެތް ކަމަށެވެ.
އަދި ޙައްލު ކުރެވޭނީ ކުށް ކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ޙައްޤު އަދަބު ތަންފީޒްކޮށްގެން ކަމަށްވެސް ސައުދު ވިދާޅުވެފައި ވެއެވެ.
ސައުދު މިހެން ވިދާޅުވިއިރު، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް. އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް ބަންދު ޖަހާފައިވާއިރު، އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ޖިންސީ ގޯނާގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ޙަސަން ދީދީގެ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބުނެފަ އެވެ.
ޖޭއެސްސީ އިން ބުނީ އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްސަލައެއް އެ ކޮމިޝަނަށް ފުރަތަމަ ހުށަހަޅާފައި ވަނީ 24 އޭޕްރީލް 2019 ގައި ކަމަށެވެ. އެ މައްސަލަތަކާއި ގުޅިގެން ޖޭއެސްސީ އިން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އޭނާ މިހާރު ސަސްޕެންޑްވެސް ކޮށްފައެވެ.