English Edition
Dhivehi Edition
ދެ އަހަރުނުވާ ކުޑަކުއްޖާ ރޭޕްކުރި ކަމަށް ޤަބޫލުނުކުރާ، ގއ. ކަނޑުހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލި މަދީހާ އޭނާގެ ކެންޑިޑެސީ ފޯމް ހަވާލުކުރަނީ - ފޮޓޯ: ޓްވިޓާ

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި، އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ޤަބޫލުނުކުރާ ކަމަށް ބުނި އެކުއްޖާގެ ކާފަގެ ކޮއްކޮ މަދީހާ އަބްދުﷲ އަށް މީސްމީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

މަދީހާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައިވާ މީހެކެވެ.

އޭނާ އޮންލައިން ނޫސް “ސަން” އަށް ދިން އިންޓަވިއުއެއްގައި ބުނީ އެކުއްޖާ ރޭޕްކުރި މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

“ދެއަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،” މަދީހާ ބުންޏެވެ. “އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ،” މަދީހާ ބުންޏެވެ.

މަދީހާގެ މި ވާހަކަތަކާއި ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ ކެންޑިޑެސީ ބާތިލްކުރުމަށް އެމްޑީޕީ އަށް ގޮވާލަމުންނެވެ. ބައެއް މީހުން ބުނީ މަދީހާގެ ކެންޑިޑެސީ އުވާނުލައިފިނަމަ، އެމީހުން އެމްޑީޕީގެ ޕްރައިމަރީ ބޯއިކޮޓް ކުރާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުމަކީ އެ ޕާޓީގެ އެންމެ މައި އެއް ވިސްނުން ކަމަށެވެ. އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ އަދި ޢަމަލުކުރާ މެންބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު 12:00ގައި ބާއްވާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

ކަނޑުހުޅުދޫގައި ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ޝިކާރަކަށްވި އެކުއްޖާއަށް އިއާދަނުކުރެވޭނެފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެކުއްޖާ ރޭޕްކުރި މައްސަލައިގައި ދެ ކާފައިންވެސް ހައްޔަރުކޮށްފައިވާއިރު، ކުއްޖާއަށް އިހުމާލުވިކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ އަހަރުވެސް ނުފުރޭ އެ ކުޑަކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމުން މުޅި ރާއްޖެ ވަނީ ސިހިފަ އެވެ. އެކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް މިމަހުގެ 17 ވީ ހުކުރު ދުވަހު މާލޭގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިމައްސަލައާއި ގުޅިގެން މުޒާހަރާ ކޮށްފައިވެއެވެ.

އެ މައްސަލަ ފަޅާއެރި ހިސާބުން ފެށިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ގިނަ މައްސަލަތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ދަނީ ފެންމަތިވަމުންނެވެ.