English Edition
Dhivehi Edition

ލޯކަލް ކައުންސިލްގެ އިންތިހާބު ގެ ފޯރި ނިމި ރަށުތެރެއިން ފެންނަމުންދަނީ ހަމަހިމޭންކަމެވެ. ކޮންމެ ރެއަކާއި ދުވާލު ސިޔާސީ ޖަގަހަތަކުން އިވެމުން ދިޔަ އަޑުތައް މި ވަނީ މަޑުވެފައެވެ. ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން އެކަމުގެ އުފާ ފާޅުކުރަމުންދާއިރު ނާކާމިޔާބީ ލިބުނު ކެންޑިޑޭޓޫންވަނީ ޑިމޮކްރަސީގެ ނަމޫނާ ދައްކާ ހޮވުނު ކެންޑިޑޭޓުންނަށް މަރުހަބާކިޔާފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ 07 ދާއިރާއަށް ވެރިކަން ކުރާ ޕީޕީއެމްއިންނާއި އެމްޑީޕީއިން 7 ކެންޑިޑޭޓަކު ވާދަކޮށްފައިވާ އިރު އަމިއްލަ ގޮތުން 5 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އިންތިހާބު ނިމި ނަތީޖާ ލިބުމާ ހަމައަށް ދެޕާޓީންވެސް ބަހުގެ ހަމަލާތައް ދެމުން ދިޔަ އިރު ނަތީޖާ އިއުލާން ކުރުމާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. އައްޑޫ ސިޓީގެ 07 ގޮޑިވެސް އެމްޑީޕީއިން ކާމިޔާބުކޮށްފައިވާ އިރު އައްޑޫގައި ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިގަމުންދާ ހުޅުދޫ އަދި ފޭދޫ އިން އިންތިހާބުގައި ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓުންނަށް ގޮޑި ކާމިޔާބު ނުކުރެވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ކަމަކަށެވެ. ހުޅުދޫ ޕީޕީއެމް އިން ވާދަކުރެއްވި އަލީ މުޙައްމަދުއަށް 630 ވޯޓް ލިބުނު އިރު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝުކުރީ ވަނީ 828 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައެވެ. ކެމްޕެއިން ދުވަސްވަރުވެސް އިބްރާހީމް ޝުކުރީގެ ކެމްޕައިންގެ މާ ބޮޑު ހަރަކާތްތަކެއް ހުޅުދޫ ގައި ހިންގާފައި ނުވާއިރު އަލީ މުހައްމަދުގެ ކެމްޕެއިން ޓީމުންވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އަލީ މުހައްމަދުގެ ކޮންމެ ކެމްޕައިން ހަރަކާތަކުންވެސް ފެނިގެން ދިޔައީ ހުޅުދޫގައި ޕީޕީއެމް އަށް ތާއިދު އޮށް މިންވަރެވެ. ހުޅުދޫ އިން ފެންނަމުން ދިޔަ މަންޒަރުތަކުން ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންނާއި ހުޅުދޫގައި ދިރިއުޅޭ ގިނަ ރައްޔަތުންވެސް ގަބޫލުކޮށްފައިވަނީ ހުޅުދޫ ގައި އެމްޑީޕީއަށް އެއްވެސް ތާއީދެއް ނެތްކަމެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ ލިބުމާއެކު ގިނަ ބަޔަކަށް ލިބިފައިވަނީ ބޮޑު ހައިރާން ކަމެކެވެ. “އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާލޭގައި އުޅޭ ހުޅުދޫ ރައްޔަތުން ހުޅުދޫ އަށް ތަރައްޤީއަކަށް އެދޭނެކަމަކަށް.އެމީހުންނަށް ވަރިހަމަ މި ރަށަށް ކޮންމެ ގޮތެއްވިޔަސް. އަދިވެސް ހުޅުދޫ ރައްޔަތުންގެ ތާއިދު އޮތީ ޕީޕީއެމްއަށްކަން ރަށުގަ ހުރި ވޯޓްފޮށިތަކުގެ ނަތީޖާއަށް ބަލާލުމުން އެގޭނެ.ހުޅުދޫގައި ދިރިއުޅޭ ރައްޔަތުން މި ވަނީ އައްދު ރަށުގެ ތަރައްޤީއަށްޓަކައި ކޮށްދީފައިވާ މަސައްކަތް ބަލައިގެންފަ.”ވޯޓް ގެ ނަތީޖާ އިއުލާން ކުރުމާއެކު އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއިދު ނުކުރާ ޒުވާނަކު ބުންޏެވެ.ހުޅުދޫގައި ދިރިއުޅެމުންދާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިންތިހާބުގެ ނަތީޖާ ޝުކުރީ ކޮޅަށް ބުރަވެ ނިމިގެން ދިޔައީ މާލޭގައި އުޅޭ ރަށުގެ ހާލަތު ނޭގޭ މީހުން ނިންމި ނިންމުމުގެ ސަބަބުންނެވެ. މި އިންތިހާބުގެ ނަތީޖާ އާއި ބެހޭ ގޮތުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައިނެތް ނަމަވެސް އައްދު ވަނީ ޝުކުރީ ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ނަމޫނާ ދައްކާފައެވެ.

ފޮޓޯ:ލުބްނާ މަޖީދް މުޙްތާރް
ފޭދޫގެ ޕީޕީއެމް ބައިބައިވެފައިވާ ވާހަކަތަކާއެކު މީގެ ކުރިން އީނާ ބުނެފައިވަނީ ރައީސް ޔަމީން އަބްދުލް ޤައްޔޫމަށް ޕީޕީއެމްގެ ފޭދޫ މެމްބަރުން ދައްކަމުން ދަނީ ހަގީގީ މަންޒަރުތަކެއް ނޫންކަމުގައެވެ. ކޮންމެ ގޮތެއް ވިޔަސް އިންތިހާބުގެ ނަތީޖާއާއި އެކު މިވަނީ އެކަން ގަބޫލުުކުރަން މަޖްބޫރުވެފައެވެ. 1264 ވޯޓާއެކު އަލީ ފަހްމީ އަހްމަދު އިންތިހާބު ކާމިޔާބުކޮށްފައިވާ އިރު ޕީޕީއެމް ކެންޑިޑޭޓް އަލީ ހަނީޒް އަށް ލިބިފައިވަނީ 999 ވޯޓެވެ. މިހާ ބޮޑު ތަފާތަކުން ފަހްމީ އިންތިހާބު ކާމިޔާބުކުރުމުން ގިނަ މީހުން ބުނެފައިވަނީ ޕީޕީއެމް މެމްބަރުންވެސް ހަނީޒްއަށް ވޯޓްދީފައި ނުވާކަމުގައެވެ. ފޭދޫގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިންވެސް ފޯރިއާއި އެކު ކުރިއަށް ގެންގޮސްފައިވާއިރު އިންތިހާބު ފެށެން ހަފްތާއަކަށް ވެފައިވަނިކޮށް މި ދާއިރާއަށް އަމިއްލަގޮތުން ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓް އަބްދުއްﷲ ސައީދުވަނީ ހަނީޒް އާއި ގުޅިފައެވެ. މި އިންތިހާބުގެ އައްޑޫ ނަތީޖާއާއި އެކު ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ސަރުކާރުން އައްޑޫގައި ހިންގަމުން އަންނަ ތަރައްޤީ ގެ މަޝްރޫއުތައް ހުއްޓިގެން ހިގައިދާނެތޯއެވެ.އެމްޑީޕީ މެޖޯރެޓީ އޮށް ކައުންސިލަކުން ސަރުކާރުން އެއްބާރުލުން ދޭނެބާއެވެ. މި ސުވާލުތަކަށް ޖަވާބުދެމުން ސަރުކާރުގެ އިސްފަރާތަކުން ބުނެފައިވަނީ ކޮންމެ ބަޔަކަށް މެޖޯރިޓީ ލިބުނަސް ސަރުކާރުން އައްޑޫގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓިގެން ނުދާނެކަމުގައެވެ.