English Edition
Dhivehi Edition
ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އެތެރެވާ ފަރާތްތައް ސްކްރީންކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވީއައިއޭ އިން ރާއްޖެއަށް އަންނަ ފަރާތްތައް ސްކްރީންކުރުމަކީ ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށާއި، ރާއްޖެއިން ކޮރޯނާ ވައިރަސްގެ އެއްވެސް މައްސަލައެއް އަދި ފެނިފައި ނުވާކަމުގެ ޔަޤީންކަން ދަތުރުވެރިންނަށް އަރުވާ ކަމަށެވެ.

ޗައިނާއިން ނޮވެލް ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން، ރާއްޖޭގެ އާންމުންނާއި ފަތުރުވެރިންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ޓޫރިޒަމް މިނިސްޓްރީ އާއި ކަމޭބެހޭ ހުރިހާ ފަރާތްތަކުން އަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، އެކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.

ޤާނޫނާއި ޚިލާފަށް ޖަނާވަރުތަކުގެ ވިޔަފާރިކުރި ސީފުޑް ބާޒާރަކުން ވުޖޫދަށް އައި ކޮރޯނާ ވައިރަސް އަށް މިހާތަނަށް 440 މީހުން ޕޮރިޓިވް ވެފައިވާއިރު، ނުވަ މީހަކު ވަނީ އެބަލީގެ ސަބަބުން މަރުވެފަ އެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާއިން ނަމަވެސް، މިހާރު އެ ވައިރަސް ވަނީ އެމެރިކާ އާއި ތައިލޭންޑް އަދި ދެކުނު ކޮރެއާ އަށްވެސް ފެތުރިވެފަ އެވެ.