English Edition
Dhivehi Edition

އައްޑޫ ސިޓީ އިން ހުޅުދޫ ވަކިވުމަށް، ހުޅުދޫ ރައްޔިތުންގެ ފަރާތުން ހުޅުދޫ އަވަށު އޮފީހުން އެދިފައިނުވާނެ ކަމަށް ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް ޕެޓިޝަނެއް ހަދަމުންދާ މި ދަނޑިވަޅު ޝުކުރީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ އިން ހުޅުދޫ ވަކިވުމާއި ބެހޭ ގޮތުން ހުޅުދޫ ރައްޔިތުންނާއި، ހުޅުދޫ ކައުންސިލާއި މަޝަވްރާވެސް ކުރެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން ޝުކުރީ ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ އައްޑޫ ސިޓީ މީދޫ މީހުން ކަމަށާއި އެ އެ މަސައްކަތުގައި ހުޅުދޫ މީހުންގެ ބައިވެރިވުން ކުޑަކަމަށެވެ. ” ހުޅުދޫއިން ލިބޭ ޚިދުމަތްތައް ރަނގަޅުކުރުމަކީ އެއީ އެ ރަށުގެ ހުރިހާ ރައްޔިތުންވެސް ކުރާ އުންމީދެއް. އެހެންނަމަވެސް ސިޓީ އިން ވަކިވެގެން އެކަން ކުރެވޭނެކަމަށް ގަބޫލެއް ނުކުރެވޭ”ޝުކުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުކުރީ ވިދާޅުވީ ރަށާއި މެދު އެފަދަ ބޮޑު ނިންމުމެއް ނިންމާ އިރު، ކައުންސިލަށް އެކަމުގެ މައުލޫމާތު އެނގެންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެފަދަ އެއްވެސް މައުލޫމާތެއް ކައުންސިލާއި ހިއްސާ ކޮށްފައިނުވާކަމަށެވެ.”އަޅުގަނޑަކަށް ހިއެއް ނުވޭ ހުޅުދޫ މީހުންގެ ޚިޔާލުހެނެއް އެއީކީ. ބޮޑަށް އެކަމުގައި އުޅެނީ މީދޫ މީހުން”ޝުކުރީ ވިދާޅުވިއެވެ.

އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް ‘ އަފިރިންގެ ކައުންސިލް އަފިންނަށް” ގެ ނަމުގައި ސޮއިކުރާ ޕެޓިޝަނުގެ ކޮޕީއަކާ އެކު މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ.

އޭޑީސީގެ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެ ކޮމިޓީގެ ހުޅުދޫ އާއި މީދޫ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ކޮމިޓީގެ ޗެއާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)، އަހުމަދު ޝަފީއު، އާދަމް ނަސީރު، އަހުމަދު ފަޒީލް، އިބްރާހީމް ހަމީދު، އިމާދު ލަތީފު، އަހުމަދު ޝިހާމް، މުހައްމަދު ސަބްރީ، އަހުމަދު މުޖުތަބާ އަދި ނަސްރުﷲ ނަސީމެވެ