English Edition
Dhivehi Edition
އެމްއެންޑީއެފްގެ މޭޖަރ އިބްރާހިމް އާޒިމް - ފޮޓޯ: ރާއްޖެއެމްވީ

ސިފައިންގެ ދެ މީހަކު، އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ހުށަހަޅާފައިވާ ނުވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މޭޖަރ އިބްރާހީމް އާޒިމް އާއި ހަވާލާދީ “ސީއެންއެމް” އިން ރިޕޯޓުކުރާ ގޮތުގައި އެފަދަ މައްސަލައެއް މިހާތަނަށް އެ މުއައްސަސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކައްދަކަވަމުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އެފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިނަމަވެސް އެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށެވެ. އެގޮތުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކު ސިފައިންގެ ދެ މީހަކު ރޭޕް ކުރި މައްސަލައެއް ބެލުން ލަސްވެފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އަދިވެސް އެ އަމަލު ހިންގި މީހުން ދޫވެފައި ތިބިކަމަށެވެ،

“އެކުއްޖާ ވިކްޓިމައިޒް ކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް.އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ؟”، ރޮޒައިނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންމަތިވަމުން އަންނައިރު، މިހާތަނަށް އޭގެ އެއްވެސް މައްސަލައަކާއި ގުޅިގެން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވަ ކަމަށާއި، އެފަދަ މައްސަލަތަކުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލުވާ ކަމަށްވެސް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.