English Edition
Dhivehi Edition
ޝެއިޚް އަލީ ޒައިދު - ފޮޓޯ: ޔޫޓިއުބް (ޖައްމިޔަތުއް ސަލަފް)

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުއްޓޭނީ ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތް ހެދިގެން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ލެކްޗަރާ ކަންވެސް ކުރަށްވަމުން ގެންދަނާ ޝެއިޙް ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ހުއްޓުވުމަށް ފުރަތަމަ ފިޔަވަޅަކަށް ކުރަންޖެހޭ ކަމަކީ ސަރުކާރުން އޮރިޔާން ކާޑު ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމާއި މަރުގެ ޙުކުމް ތަންފީޒު ކުރުން ކަމަށެވެ.

ޝެއިޙް ޒައިދު ވިދާޅުވީ އިސްލާމީ ޝަރީއަތް ނެތި މިކަންކަން ނުހުއްޓުވޭނެ ކަމަށެވެ.

ދީނީ އިލްމުވެރިންނާއި ގިނަ ފަރާތްތަކެއް ދަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނީ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ތުއްތު ކުއްޖަކު ރޭޕް ކޮށްފައި ވަނިކޮށެވެ.

ތުއްތު ކުއްޖާ ރޭޕުކުރުމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ،އަދި މުނިކާފަ އަށެވެ. ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ރޭޕުކުރުމާއި ދެކޮަޅަށް އަދި ތުއްތު ކުއްޖާއަށް އިންސާފުހޯދައި ދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފައި އެވެ.