English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ދެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް ‘ އަފިރިންގެ ކައުންސިލް އަފިންނަށް” ގެ ނަމުގައި ސޮއިކުރާ ޕެޓިޝަނުގެ ކޮޕީއަކާ އެކު މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ.

އޭޑީސީގެ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެ ކޮމިޓީގެ ހުޅުދޫ އާއި މީދޫ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ކޮމިޓީގެ ޗެއާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)، އަހުމަދު ޝަފީއު، އާދަމް ނަސީރު، އަހުމަދު ފަޒީލް، އިބްރާހީމް ހަމީދު، އިމާދު ލަތީފު، އަހުމަދު ޝިހާމް، މުހައްމަދު ސަބްރީ، އަހުމަދު މުޖުތަބާ އަދި ނަސްރުﷲ ނަސީމެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ. މި ގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ހުޅުދު އާއި މީދޫގެ ރައްޔިތުން މި ވަގުތު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށަށް ވަކި ކައުންސިލެއް ހޮވުމަށެވެ.

އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުވެ، ސިޓީގެ އިދާރީ ހުރިހާކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގަ އެވެ. މުޅި އަތޮޅު ސިޓީއަކަށް ބަދަލުވެ، ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށެވެ. މި ގޮތަށް އޮތުމުގެ ސަބަބުން ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ޕެޓިޝަނުގައިވަނީ ބަޔާންކޮށްފައެވެ.

10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭއިރު، ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ވެސް ގާނޫނީ ހުރަހެއްނެތެވެ.