English Edition
Dhivehi Edition
2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މީހުން ވޯޓުލަނީ - ފޮޓޯ: ނިޝާން އަލީ (މިހާރު)

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި އެވެ.

އެމްޑީޕީ އިން ބުނީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށާއި، ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 14:00 އެވެ. އެމްޑީޕީ އިން ބުނީ ޝަކުވާ ފޯމް ސެކްރެޓޭރިއަޓް ދެވަނަ ފަންގިފިލާއިން އަދި [email protected] އަށް އީމެއިލް ކުރުމުންވެސް ބަލައިގަނެވޭނެ ކަމަށެވެ.

އެމްޑީޕީ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ކުޅުދުއްފުށި ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ލިސްޓްވެސް އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 18 ކެންޑިޑޭޓުން ވަނީ އެ ޕާޓީގެ ކުޅުއްދުއްފުށި ސިޓީގެ ޕްރިމަރީއަށް ކުރިމަތިލައިފަ އެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ކުރިމަތިލީ ދެ ފަރާތަކާއި، ކައުންސިލަރު ކަމަށް ކުރިމަތިލީ 16 ފަރާތެއް ހިމެނެއެވެ.

ކުޅުދުއްފުށި ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭ 21:00 އަށެވެ.

އެމްޑީޕީ އިން ވަނީ ކުޅުދުއްފުށި ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތައް އަދި ރަށްތަކުގެ ޕްރައިމަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ލިސްޓް މިދިޔަ ހޯމަ ދުވަހު އާންމުކޮށްފަ އެވެ. އެ ލިސްޓުތަކުގައިވާ ގޮތުން، ސިޓީ ކައުންސިލް ތަކަށް 108 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާއިރު، އަތޮޅު ކަންސިލްތަކަށް 53 ކެންޑިޑޭޓުން އަދި ރަށު ކައުންސިލްތަކަށް ޖުމްލަ 1067 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވައިފަ އެވެ.

ކުޅުދުއްފުށި ސިޓީން ކުރިމަތިލީ 18 ކެންޑިޑޭޓުންނާއެކު މިހާރު އެމްޑީޕީގެ ޕްރައިމަރީގައި ޖުމްލަ 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.