ދެކުނުގެ ރަށެއްގައި ރޭޕްގެ ޝިކާރައަކަށްވި 2 އަހަރު ނުވާ ތުއްތު ކުއްޖާގެ ޓެސްޓުތަށް ހެދުމަށްފަހު ތުއްތު ކުއްޖާ ދޫކޮށްލައިފި އެވެ. އައިޖީއެމްއެޗް އިން ޓެސްޓުތައް ހެއްދުމަށްފަހު ކުޑަ ކުއްޖާ ދޫކޮށްލާފައިވާއިރު އެ ކުއްޖާ މިހާރު ހުރީ އެ ކުއްޖާގެ މާމަގެ ބެލުމުގެ ދަށުގައި އެވެ.
ޖެންޑާ މިނިސްޓަރ އިއްޔެ ވިދާޅުވީ ކުޑަ ކުއްޖާގެ ޓެސްޓުތަކުން ކުއްޖާއަށް އެފަދަކަމެއް ކޮށްފައިވާކަން އެނގުމާއި އެކު އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
ދެކުނުގެ ރަށެއްގައި ހިންގި މި ހާދިސާގައި ތުއްތު ކުއްޖާއަށް އަނިޔާކޮށްފައިވާކަމަށް 3 މީހުންނަށް ވަނީ ތުހުމަތުކުރެވިފައި އެވެ. އޭގެ ތެރޭގައި ކުއްޖާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ހިމެނެއެވެ. ތުއްތު ކުއްޖާއަށް އަނިޔާ ކޮށްފައިވާކަން ފުރަތަމަ ފާހަގަ ވެފައި ކުއްޖާ ފެންވެރުވުމަށް އެކުއްޖާގެ މާމަ ގެއަށް ގޮސް ހުއްޓާ ކުއްޖާގެ ބަނޑަށް ތަދުވާ ވާހަކަ ބުނެގެން ހޮސްޕިޓަލަށް ދެއްކުމުންނެވެ.
2 އަހަރުނުވާ ތުއްތު ކުއްޖާއަށް އަނިޔާކޮށްފައިވާކަން އެނގުމާއި އެކު ސަރުކާރުން ވަނީ އެ ކުއްޖާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ ކުއްޖާއަށް އަނިޔާކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފައެވެ.