English Edition
Dhivehi Edition

 

“ޕާސްވޯރޑް ދެންޏާ ދޭންވީ.” އެ ކުއްޖާ ޓޭޕު ރޯލެއް ހިފައިގެން އައިސް އަހަރެން އިށީނދެ އިން ގޮޑިޔާއެކު ޓޭޕް އަޅަން ފަށައިފިއެވެ.” އަހަރުމެންނަކަށް ނެތް ކަލޭ ބޭނުންހާ އިރަކު ކުޅިވަރު ކުޅޭން ތިބެވޭކަށެއް. މާ ބޮޑަށް ކުޅަދާނަކަން ދައްކަން އުޅޭނެ ކަމެއް ނެތް.”

އަހަރެންގެ ކުރިމަތީގައި އޮތީ އެންމެ ރާސްތާއެކެވެ. ޕާސްވޯޑް ދިނަސް ސަލާމަތް ވުމުގެ ޔަގީންކަމެއް ނެތެވެ. ނުދިނަސް އޮތީ ކެތް ނުކުރެވޭވަރުގެ ވޭން ތަހައްމަލު ކުރުމެވެ. ކޮންމެ ގޮތަކުންވެސް އެމީހުން އަހަރެންގެ ދުލުން އެ ބަސްތައް ނެރޭނެއެވެ.

މި ލަނޑު މި ލިބުނީ މާމަގެ ބަސްތައް ހަނދާން ނައްތާލީމައޭ އަހަރެންގެ ހިތަށް އެވަގުތު އެރިޔެވެ. އެހެންނަމަވެސް މިހާރު މިވަނީ މާލަސްވެފައެވެ. އަހަރެން ގަސްތުކުރީ އެންމެ ފަހު ނޭވަޔާ ހަމަޔަށްވެސް ޒިޔާންގެ އެކައުންޓު އަނބުރާ ހޯދައިދިނުމަށެވެ.

އެއީ އަހަންނަށް ދުވަހަކުވެސް ލިބުނު އެންމެ ގަދަ ވޭންތަކެވެ. އެ އަންހެން ކުއްޖާއަކީ ކުޑަވެސް ރަހުމެއް ހުރި ކުއްޖެއް ނޫނެވެ. އަނިޔާއާއި ތަދު އަނެކަކަށް ދިނުމަކީ އޭނާގެ އުފަލެއް ކަން ޔަގީނެވެ.

އަހަރެންގެ ހޭވެރިކަން ގެއްލިދާނެހެން ހީވުމުން ސައުދު އެކުއްޖާ ހުއްޓުވިއެވެ. “ އިތުރަށް ގަދަ ނުހަދައި ޕާސްވޯޑް ދީ، އިސްރާ. “ ސައުދު އާދޭހުގެ ރާގުގައި ބުންޏެވެ. “ތިއީ ބޭކާރު ހިއްވަރެއް. އިތުރު ވޭނެއް ނޫނީ ނުލިބޭނެ.”

“އެންމެ ރަނގަޅު.” އަހަރެން ހޭވެރިކަމަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ބުނީމެވެ. “

“ތީގަ ހުންނާނީ ރެޓީނާ ލޮކެއް.” އަހަރެންގެ މިބުނީ ތެދެއްކަން ސައުދަށް ވެސް އެނގުނެވެ. އޭނާ އަހަރެންގެ ލޯ މޮހެލަދިނެވެ. އަދި އަހަރެންގެ އެއްއަތް މިނިވަންކޮށް ދިނެވެ.

އަހަރެން ލެޕްޓޮޕް ހުޅުވާފައި އޭގެ ކެމެރާއަށް ލޯ ދިމާކޮށްލީމެވެ. އަދި އަހަރެންގެ އިނގިލީގެ ނިޝާން އޭގައި ހާކައިލީމެވެ. އޭރު އެކުއްޖާ ހުރީ ސޫޓްކޭސް ހުޅުވާށެވެ. އެއީ ހުސް ފޮށްޓެކެވެ. ސައުދު އެކުއްޖާއަށް ލޮލުން އެއްޗެއް އަންގައިލުމާއެކު އޭނާއައިސް އަހަރެންގެ އަތް ބަނދެ ކަނުބަނދެފިއެވެ.

ސައުދު ލެޕްޓޮޕް ހުޅުވުމަށް މަސައްކަތް ކޮށްލުމާއެކު އޭގެ މޮނިޓަރ އަނދިރިވެގެންދާނެކަން އަހަންނަށް އެނގެއެވެ. އެވަގުތު ސައުދު އައިސް އަހަރެންގެ މޫނު މަތީގައި ވަރަށް ބާރަށް ޖެހިއެވެ. “އަހަރެން ހީކުރިވަރަށް ވުރެން ކަލޭ މާ ހުޝިޔާރު.” އޭނާ ރުޅިއައިސްފައި ބުންޏެވެ. އެކަމަކު އަހަރެންގެ އަތްދަށުން ކަލެއަށް ތިހެން ސަލާމަތްވެވޭނެ ކަމަށް ހީނުކުރާތި.”

ސައުދު އެ ލެޕްޓޮޕް ހެކް ކޮށްލެވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. އެއާއެކު އަންހެން ކުއްޖާގެ ރަހުމެއް ނެތް އަނިޔާތައް އަހަންނަށް އަމާޒުވެއްޖެއެވެ.

ރޭ ދެބައިވެ އިރު އެރުމާ ދާދި ކައިރިވެއްޖެއެވެ. އަހަރެންގެ ހޭވެރިކަން ހުންނަ ފަހަރު މަދުވާން ފަށައިފިއެވެ. ސައުދު އޭނާއަށް ލިބިފައިވާ ކުޅަދާނަކަން ބޭނުން ކުރަމުން ލެޕްޓޮޕް ހުޅުވުން އަވަސްވޭތޯ މިންނަތް ކުރަމުން ދިޔައެވެ. އޭނާ އެންމެފަހުން ކޮންމެވެސް މީހަކަށް ފޯން ކޮށްލިއެވެ.

އެއީ އަހަރެން އިންތިޒާރު ކުރަމުން ދިޔަ ވަގުތެވެ. އެއީ އަހަރެންގެ ކަރަށް ތޫނު ތިލައެއް ވަދެގެން ދިޔަ ވަގުތު ވެސް މެއެވެ.

ޕޮލިސް އެތަނަށް އައުމަށް 5 މިނިޓްވެސް ނުނެގިއެވެ. އަހަރެން ޖެހި ކޯޑް ޕޮލިސްއަށް އޮތީ ލިބިފައެވެ. އެކަމަކު ސައުދު ހުރިތަން އެނގުނީ އޭނާ ފޯނު ހުޅުވާލުމުންނެވެ. އަހަރެންގެ ވަށައިގެން އަނދިރިކަން ފެތުރުނީ އެވަގުތު އެވެ.

ހޮސްޕިޓަލުން އަހަރެން ދޫކޮށްލުމާއެކު ޒިޔާން އަހަރެން ގޮވައިގެން އެނބުރި ރިސޯޓަށް ހިނގައްޖެއެވެ. އަހަރެންގެ ކަރުގައި ހުރި ބެންޑޭޖްތައް އަދި އޭރަކު މުޅިއަކުން ނުވެސް ނައްޓައެވެ.

އަހަރެމެންގެ ކާވެނި ކުރެވުނީ އެރަށުގައެވެ. ސަންއައިލެންޑްގެ ސަދަން ރެސްޓޯރެންޓް ގައެވެ. އެއީ އެކަމަށް މިލިއަނުން ޚަރަދުކޮށްގެން ބޭއްވުނު ހަފްލާއެކެވެ. ފުރިހަމަ ކަމުގެ ދެވަނައެއް ނުވާ ފަދައިންނެވެ. މިއުޒިކްޝޯއެއްގެ ތެރޭން ހަވާއާއި ލޭޒަރުގެ ކުޅިވެރި ދެއްކިގެން ދިޔައެވެ.

 

“އިސްރާއަށް އެ ހުރިހާ ފައިސާ އަމިއްލަ އެކައުންޓަކަށް ބަދަލު ކުރެވެން އޮތް.” ޒިޔާން ވެޑިން ޕާޓީ ނިންމާފައި އަހަރެން ގޮވައިގެން ހަނީމޫން ބަނގަލޯއަށް ދިޔަ މަގުމަތީގައި ބުންޏެވެ. “ކީއްވެތަ އެހެން ނެހެދީ؟”

“މާމަޔާހެދި.” އަހަރެން ބުނީމެވެ.

“ ހުރިހާ ޝަރަފެއް އޮތީ އިސްރާގެ މާމަޔަށް ދޯ.” ޒިޔާން އުފަލާއެކު ބުންޏެވެ.

ދެން ޒިޔާން ފުރަތަމަ ފަހަރަށް އޭނާގެ އަތުގެ ތެރެއަށް އަހަރެންގެން ގޮސް ބޮނޑިކޮށްލިއެވެ.

އަހަރެމެންގެ އުފާވެރި ދިރިއުޅުން ހޭދަ ކުރަމުން ދިޔައީ ޒިޔާން މޫދު އަޑީގައި ތައްޔާރު ކޮށްފައިވާ ރިސޯޓެއް ގައެވެ.

އެއީ އިސްރާ ރިސޯޓެވެ.

 

ޓެގު