English Edition
Dhivehi Edition

ލޯންޗު ނެރުން ވަންނަތަން ފެނުމާއެކު އެރެއަކީ އަހަރެމެން ކުދިންގެ ރޭކަން އެނގުނެވެ. ލޯންޗް ފުރެންދެން އެެތިބީ ޒުވާނުންނެވެ. އެމީހުން މިރޭ ހޭދަ ކުރާނީ މި ރަށުގައެވެ. އެމީހުން އަހަރެމެން ކުދިން ހޯދާނެއެވެ. އަހަރެމެންގެ ކިބައިން އުފާ ހާސިލު ކުރާން އުޅޭނެއެވެ. ބަދަލުގައި އަހަރެމެންނަށް އަގުބޮޑު ހަދިޔާތައް ދޭން ބުނާނެއެވެ. ފައިސާއާއި ހަދިޔާ ލިބޭނީ ކެރިގެން ނުކުންނަ ކުދީންނަށެވެ.

ފައިސާ ބޭނުން ނޫން އެއް ކުއްޖަކުވެސް އަހަރެމެން ކުދީންގެ ތެރެއަކު ނެތެވެ. ކުރަން ޖެހޭކަންތައް ގިނައެވެ. ބޭނުންވާ އެއްޗެހި ވެސް ގިނައެވެ. ލިބޭނެ މާކަ ފަސޭހަ ގޮތެއް ނޯވެއެވެ. ކުރާކަށް މާގިނަ މަސައްކަތެއް ވެސް ނޯވެއެވެ.

ރަސްމާދޫއަކީ އެއް އިރެއްގައިވެސް ތަނަވަސް ރަށެކޭ ނުބުނެވޭނެއެވެ. އެކަމަކު މިހާރު ރިސޯޓްތަކަށް ރަށުގެ ފިރިހެން ކުދިން ގޮސްގެން ލާރި ލިބުނެއްކަމަކު އަހަރެމެން ކުދިންނަށް ފައިސާއެއް ލިބޭނެ އެފަދަ ގޮތެއް ނުހުރެއެވެ. އަހަރެމެންނަށް ބޭނުންވާ ހެދުންތަކާއި ރީތިވާ އެއްޗެއް ގަނެވެނީ މިހެން ރަށަށް ޒިޔާރަށް ކުރާ މީހުންގެ އަތުން ލިބޭ އެއްޗަކުންނެވެ.

ފާތުންއާއި ޒުލޭއާއި ފަހީމާ އަކީ އަހަރެންގެ އެންމެ ގާތް ރައްޓެހިކުދިންނެވެ. ރަށުގައި އަހަރެމެން މަޝްހޫރެވެ. ވަކި ރީތިވެގެންނެއް ތަނަވަސް ވެގެންނެއް ނޫނެވެ. ރަށުން ބޭރުން އަންނަ މެހުމާނުން ހިތް އުފާ ކޮށްދޭ ބައެއްގެ ގޮތުގައެވެ. އަހަރުމެންނަކީ ރަށުގެ ކުޅިވަރު ގުރޫޕުގެ ކުދީންނެވެ. އަހަރެމެންގެ އައިޓަމަކީ އެންމެންނަށް އެންމެ ކަމުދާ ނެށުމުގެ އައިޓަމެވެ.

އަހަރެމެން ކުދިންނާ ބެހޭގޮތުން ރަށުތެރޭގައި މީހުން ވާހަކަ ދައްކައި ހެދި ނަމަވެސް ހަމަ ގައިމުވެސް އަހަރެން އެއް އިރެއްގައިވެސް ނުރަނގަޅު ގޮތަކަށް ނޫޅެމެވެ. އަހަރެން ހަނދާން ހުރީއްސުރެން އުޅެމުން އައީ މާމަގެ ބެލުމުގެ ދަށުގައެވެ. މާމަ އަހަރެން ގެންގުޅުނީ ވަރަށް ރަނގަޅު ގޮތުގައެވެ. މަދުރަސާ ނިމެންދެން އެގޮތް މިގޮތަކުން އަހަންނަށް ބޭނުންވާ ތަކެތި ހޯދައިދިނެވެ. އަހަންނަށް އަބަދު ހެޔޮ ނަސޭހަތް ދޭނެއެވެ.

މިހާރު މާމައަކަށް މަސައްކަތެއް ނުކުރެވެއެވެ. ލޮލު ހާލު ދެރަކަމާއި ހަނދާންނެތުމުގެ ކަންތައް ބޮޑުކަމުން މާމަޔަކީ ގާތްގަނޑަކަށް ނުކުޅެދޭ މީހެކެވެ. އެހެންވެ މާމަޔަށް ބޭނުންވާ ކާއެތިކޮޅުވެސް މިހާރު ހޯދައިދޭން ޖެހިފައި ވަނީ އަހަންނަށެވެ.

ރަށުގެ ސްޓޭޖްމަތީ ކުޅިވަރު ކުޅެން ފެށި އަޑު އިވުމާއެކު އަހަރެންވެސް ފެންވަރައި ހަދައިގެން އެދިމާއަށް ހިނގައްޖެއީމެވެ. ގޮސް އެތަނުން ރައްޓެހި ކުދިންނާ ގުޅިއްޖެއީމެވެ. އޭރު އެހެން ކުދީންވެސް ތިބީ ކުޅިވަރު ކުޅެން ތައްޔާރު ވެގެންނެވެ. އަހަރެމެންނަށް މިރޭ އޮންނާނީ ނެށުމުގެ އެންމެ އައިޓަމެކެވެ. އެއީ ވިއްސާރަ ވެދާނެތީ ކުޅިވަރު ކުރު ކޮށްލަން ރާވާފައި އޮތުމާ އެކުގައެވެ. އަހަރެމެންގެ އައިޓަމްއާ ޖެހޭނީ ބޮޑުބެރު ނިމުނީމައެވެ. އެހެންކަމުން އަހަރެމެން ކުދިން ސްޓޭޖުން ބޭރުގައި މަޑުކޮށްލައިގެން ތިބީމެވެ.

“ހީވަނީ ފުދޭވަރެއްގެ ފެންވަރެއްގެ ބައެއް ހެން.” ޒުލޭޚާ ބުނެލިއެވެ. އެކަމަކު ފަހީމާ އެއާ ދެކޮޅެވެ.

“ބޭރުން ބަލާފައެއް ބައެއްގެ ފެންވަރެއް ނޭނގޭނެ.” އޭނާ ފަރުވާ ކުޑަގޮތަކަށް ބުންޏެވެ. ” އެހެން ނޫނަސް އަހަރެން ގަޔާ ވާ މީހަކުވެސް ނެތް.”

“ކީއްކުރަން ފެންވަރަކަށް ބަލަންވީ ، ފަހީމާ.” ފާތުން ބުނެލިއެވެ.” ތިޔަ އެންމެންވެސް ބޭނުންވާނީ އެންމެ ކަމެއް. ނޫންތަ އިސްރާ. ”

“އަހަންނަކަށް ތިޔަކަށް ޖަވާބެއް ދޭކަން ނޭނގޭނެ.” އަހަރެން ވާހަކަ ކުރުކޮށްލީމެވެ. “ކުޅިވަރު ކުޅެގެން ލިބޭ އެއްޗެއް ނޫން އެއްޗެއް ހޯދާކަށް އަހަންނެއް ނޫޅެން.”

“އެކަމަކު ހާދަ ހޮޓް ސޮރެއްވެސް އެބައިނޭ.” ފާތުން ކަރުކެހިލާފައި އަހަންނަށް ބަލައިލިއެވެ.

“އާނ! އޭނާ ހަމަ ހޮޓޭ.” އަހަރެން ވެސް އެއްބަސްވެއްޖެއީމެވެ.” އެކަމަކު ވަރަށް ޑީސެންޓް.”

“އަހަރުމެން އިސްރާހާ ރީތި ނަމަ…. ”

ޒުލޭ ވައް ބަހުން ޖަހައިލެވެ. އޭނާ އަބަދުވެސް އަހަންނާ ޖެލަސްވާނެއެވެ.

ވާރޭކަނި ޖަހަން ފެށުމާއެކު މިރޭގެ ކަންތައް ޚަރާބުވެއްޖެކަން އަހަރެމެންނަށް އެނގިއްޖެއެވެ. ސްޓޭޖް ހިޔާ ކޮށްފައި ހުއްޓަކަސް ކުޅިބަލާ މީހުން ތިބީ ނިވަލެއް ނެތިއެވެ. ވާރޭ ވެހެން ފަށާއިރަށް އެކި މީހުން އެކިފަރާތް ފަރާތަށް ހިޔާވާން ދާން ފަށައިފިއެވެ.

އަހަރެމެންގެ އައިޓަމް ކުޅެން ޖެހުނީ އެވަގުތުއެވެ. އައިޓަމް ނިމުމާއެކު އަހަރެން އެހެން ކުދިންނާ ވަކިވެގެން އަވަހަށް ގެޔާ ދިމާއަށް ހިނގައިގެންފީމެވެ. ގެޔާހަމަޔަށް ނުދެވެނީސް ހަމަ ކުއްލިއަކަށް ބޯކޮށްލައިފި އެވެ. އަހަރެން ގަސްތުކުރީ ތެމިފޯވި ނަމަވެސް ގެޔަށް ދާށެވެ. މިރޭ މިވެހެނީ ހުއްޓާލާ ގޮތަކަށް ނޫނެވެ.

އަހަރެން ގެޔަށް ވަންނަން އައިސް ދޮރުގައި ހިފާލިތަނާ ދިޔައީ ސިއްސައިގެންނެވެ. އަސްކަނި ދޮށުގައި މީހަކު ހުއްޓާ ފެނުމުންނެވެ. އޭނާ އެތާނ ހުރީ ވާރޭން ހިޔާވާންކަން އެނގުނެވެ. އެއީ ބީރައްޓެއްސެކެވެ. އެއީ އަހަންނަށް ގެއްލުމެއް ދިނުމަކަށް އައިސް ހުރި މީހެއް ނޫންކަން އެނގުނެވެ. އެކަމަކު އަހަރެން އަވަހަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ލައްޕައިފީމެވެ.

އެ ވަގުތު އަހަންނަށް ވިސްނުނެވެ. އެވާނީ މިއަދު ލޯންޗުން އައި މީހުންގެ ތެރޭން މީހަކަށެވެ. އޭނާ އެތާ ތެމެން ބަހަށްޓާފައި އަހަރެން ވަދެ ހުރުމަކީ ރަނގަޅު ކަމެއް ބާއެވެ. އޭނާ އެތެރެއަށް ވައްދަންވީއެވެ. އެކަމަކު ގޭގައި އޮތީ މުސްކުޅި މާމަ އެކަންޏެވެ. މާމައަކީ ލޯ އަނދިރި އަދި އެހާ ބީރު ވެސް މީހެކެވެ. އޭނާ އަހަންނަށް ކޮންމެ ފަދަ ގޮތެއްވެސް ހަދައިފާނެއެވެ. އެކަމަކު އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރު އެބައޮތެވެ. އޭނާއަކަށް އަހަންނަކަށް ވުރެން ގަދައެއް ނުވެވޭނެއެވެ. އަހަރެންގެ ނުރުހުމަކު އޭނައަކަށް އަހަރެން ގަޔަކު އަތެއް ނުލެވޭނެއެވެ. މީހަކަށް އެހީއެއްވެގެން ގެއްލުމެއް ނުވާނެއެވެ. އެއީ މާމަ ބުނެފައިވާ ބަހެކެވެ. އޭނާ ވައްދަންވީއެވެ. އޭނާ ހުންނާނީ ބަނޑުހައިވެސް ވެފައެވެ.

އަހަރެންގެ ހިތުގައި އޭނާއާ މެދު މިހާވަރަށް ހަމްދަރުދީ އުފެދުނު ގޮތެއް ވެސް ނޭނގެއެވެ. ކުޑަވެސް ބިރެއްނެތި އަހަރެން ފުޅިބައްތި ހިފައިގެން ނުކުމެ ދޮރު ހުޅުވައިފީމެވެ. ދޮރެކޭ ބުންޏަކަސް އެއީ ސަތަރި ފުޅައްގަނޑެކެވެ. އޭރު އަދި ވަކީން ބޮޑަށް ވިއްސާރަ ގަދަވެ ވައި ބާރުވެފައި ވެއެވެ. ވިދާއިރަކު ދެލޯވެސް ހުޅުވާލަން ނުކެރެއެވެ. އަހަރެން ދޮރުން ބޯދިއްކޮށްފައި އޭނާ އެތެރެއަށް ވަނުމަށް ހަނާ އަޅައިލީމެވެ.

“ހީޔާވާން އެތެރެއަށް ދުރުވޭ.”

މިޔަކީ އެކަނި ހުރި ޒުވާން އަންހެން ކުއްޖަކު ކުރާކަށް ރީތި ކަމެއް ނޫނޭވެސް އެވަގުތު އަހަރެން ހިތަށް އެރިއެވެ. އެކަމަކު އޭނާއަށް އެހީވުން ނޫން މަގުސަދެއް އަހަރެންގެ ހިތަކު ނެތެވެ.

އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ ޒުލޭ އެބުނާ ހޮޓް މީހާކަން އެނގުނީމައެވެ. އޭރު އޭނާގެ އަގުބޮޑު ޑެނިމް ފަޓުލޫނު ވަނީ އެއްކޮށްހެން ފޯވެފައެވެ. އަހަރެން އޭނާ އިށީންނާނެ ގޮނޑިއެއް ދައްކައިފީމެވެ. އެއީ މުސްކުޅި ލަކުޑި ގޮނޑިއެކެވެ. ގެޔަކު އެނޫން ގޮނޑިޔެއް ނުވެސް ހުރެއެވެ. އޭނާ އިށީނުމުން އަހަރެން ގެންގުޅޭ ތުވާލި ގެނަސް އޭނާއަށް ދިނީމެވެ. އޭނާއަކީ އުމުރުން ސައުވީސް ފަންސަވީސް އަހަރުގެ މީހެކެވެ. ފެންނަ ފެނުމަށް ވަރަށް ތަހުޒީބެވެ. އޭނާ ޝުކުރު އަދާކޮށްފައި ތުވާލިން ބޯ ހިއްކާލާފައި އެއިން ގައި ހިކުނު ވަރަކަށް ހިއްކާލެވޭތޯ އުޅެމުން ދިޔައެވެ.

އަހަރެން ބަދިގެއަށް ވަދެ ސައި ކައްކަން އުދާފައި ހެދުން ބަދަލުކޮށްގެން ނުކުމެ އޭނާއަށް ސައި ހަދައި ދިނީމެވެ. އޭނާއަށް ކާންދޭ ކަހަލަ މޮޅެތި އެއްޗެއް މިގެޔަކު ނުވެސް ނެތެވެ. އެކަމަކު ހަވީރު ސަޔަށް މާމަ ހެދި މަސްފަތަފޮޅިއާއި ދަޅުގައި ހުރި ތެއްލި ބަނބުކެޔޮކޮޅެއް އޭނާއަށް ސަޔާއެކު ގެންގޮސް ދިނީމެވެ.

“ޝުކުރިއްޔާ” އޭނާ ވަރަށް އުފާވިކަން އެނގުނެވެ. “އަހަރެންގެ ނަމަކީ ޒިޔާން.”

އަހަރެން އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިލީމެވެ.

“ތިއީ ކޮންމެ ކުއްޖެއް ނަމަވެސް ތިއީ ވަރަށް އޯގާވެރި އެހީތެރި ކުއްޖެއް.” އޭނާ ވާހަކަ ދެއްކިއެވެ. “އެކަމަކު ނުދަންނަ މީހަކަށް މިކަހަލަ ރެޔަކު ތިޔަހެން ދައުވަތު ދިނުމަކީ ނުރައްކާތެރި ކަމެއް.”

އަހަރެންވެސް އެކަން ގަބޫލު ކުރީމެވެ. އެކަމަކު މިއީ އަހަރެން ކީއްވެ ކުރި ކަމެއްކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގުނެވެ.

“އަޅުގަނޑު މިހެން ދުވަހަކުވެސް މީހަކަށް މިކަހަލަ ދައުވަތެއް ނުދެން.” އަހަންނަށް ބުނެވުނެވެ. “އެކަމަކު މީހަކު ވާރޭގައި ތެމޭކަށްވެސް މީގެ ކުރިން މިގޭދޮށަށް އައިސްފައެއް ނެތް.”

ޒިޔާން ޖަވާބެއް ނުދީ އެއް މިޔަކަނުން ހިނިތުންވެލީއެވެ. ޒިޔާން ސައިބޮމުން ދިޔައިރު ވަރަށް ގިނަ ސުވާލުތަކެއް އޭނާ ކުރަން ބޭނުންކަން އޭނާ ބަލާ ގޮތުން އެނގުނެވެ.

“ތި ކުއްޖާ ސައެއް ނުބޮންތަ؟ ތިހިރީ ހީކަރުވާފައެއް ނޫންތަ؟”

“އަޅުގަނޑަށް ކިޔަނީ އިސްރާ.” އަހަރެންގެ ނަން ބުނެފީމެވެ. “އަޅުގަނޑު މިރޭ ސަޔެއް ނުބޯނަން.” ގޭގައި ހަކުރުކޮޅެއް ދެން ނެތްކަމެއް އޭނަގާތު ބުނާނީ ކިހިނެއްހެއްޔެވެ؟ އަހަރެންވެސް މިވަނީ ވަރަށް ސައިބޯ ހިތްވެފައެވެ. ހަކުރުނާޅާ ސައެއް އަހަންނަކަށް ނުބޮވޭނެއެވެ.

ވިއްސާރަ މެދުކަނޑާނެ އިރެއް ނުވެސް އެނގެއެވެ. ގުގުރާ އަޑު ހައްތާ ދަނީ ގަދަވަމުންނެވެ. އެކަމަކު މިވަރުންވެސް މާމަ ނުހޭލިކަން ނަސީބެކެވެ. އެހެންނޫންނަމަ ނުދަންނަ މީހަކު ގެޔަށް ވައްދައިގެން މާމަ ރުޅިގަދަ ވާނެއެވެ.

“ވަޒީފާއެއްގަ ތި އުޅެނީ.” އޭނާ ވާހަކަ ކުރިޔަށް ގެންދާ ހިތުން އަހައިލިއެވެ.

“ނޫން.” އަޅުގަނޑު ކުރުކޮށް ބުނެލީމެވެ.

“އެއީ ކީއްވެ؟”

“މިރަށަކު ނުހުރޭ ވަޒީފާތަކެއް.”

“އިސްރާ ވަޒީފާއެއް ބޭނުންތަ؟” މީހުން މިހެން ވަރަށް ފޮނިކަނޑާނެއެވެ. އަންހެންކުދިން އަޅުވާލަން ތިމާގެ ނެތް ފެންވަރު ވެސް ދައްކާނެއެވެ.

“އަޅުގަނޑުވެސް ވަޒީފާއެއް ލިބިއްޖެއްޔާ ބޭނުން.” އަހަރެން ބުނެލީމެވެ.

“ލިބިދާނެ.” އޭނާ ބުނިގޮތުން ހީވަނީ އޭނާއަކީ ވަޒީފާއެއް ދެވޭ ފެންވަރުގެ މީހެއް ހެންނެވެ. “ސަންއައިލެންޑުން.”

ސަންއައިލެންޑްގެ ވަޒީފާއެއް ލިބުމަކީ ބޮޑު ފަޚުރެކެވެ. އެކަމަކު އަހަރެމެން ކަހަލަ ކުއްޖަކަށް އެރަށުން ލިބޭނީ ކޮން ވަޒީފާއެއް ހެއްޔެވެ؟

“ކުނިކަހާ ވަޒީފާތޯ؟” އަހަންނަށް އަހައިލެވުނެވެ. ކުރީގައި މިރަށު ކުއްޖަކު ކުނިކަހަން ގޮސް އުޅުނެވެ. އޭނަޔަށް ވަރަށް ލާރިވެސް ލިބުނުމެއެވެ.

ޒިޔާން ހީނލިއެވެ.

“ނޫން. ” ހަމަ ރަނގަޅު ވަޒީފާއެއް ދީފާނަން. “ކޮމްޕިއުޓަރ ބޭނުންކުރަން އެނގޭތަ؟”

އަހަރެމެންނަށް ދަސްވާނީ ކޮން ކޮމްޕިއުޓަރެއް ހެއްޔެވެ؟ ރަށުން ކިޔެވުނީ ގުރޭޑް 7އަކާ ހަމަޔަށެވެ.

“ނޫން.” އަހަރެންގެ އުންމީދުކޮޅު ގެއްލުނެވެ. “އެކަމަކު ރަށު މަދުރަސާ ނިންމީ މިދިޔަ އަހަރު.”

ވަޒީފާއެއްގެ ބޭނުން އޮތްވަރުން ނިންމި ގްރޭޑެއްވެސް ނުބުނީމެވެ.

“އެންމެ ރަނގަޅު.” އޭނާ ޔަގީންކަން ދިނެވެ. “ހެނދުނު އަހަރެމެންގެ ލޯންޗުން ފުރަން ތައްޔާރުވޭ.”

“އެކަމަކު މާމަ ގާތުން އަހަން ޖެހޭނެ ”

މާމައޭ އަހަރެން ބުނި އަޑަށް މާމަ ހޭލައިފިއެވެ. މާމަ ކެއްސައި ގަތެވެ. “ދަރިފުޅާ ކާކާ ތިވާހަކަ ދައްކަނީ.” މާމަ ސުވާލު ކޮށްގަތެވެ.

އަޅުގަނޑަށް ބުނާނެ އެއްޗެއް ނޭނގިގެން ތެޅިފޮޅިގަނެވުނެވެ. އެވަގުތު ޒިޔާންގެ ތުންފަތަށް ހިނިތުންވުމެއް އައެވެ.

މާމަ އެންމެފަހުން ތެދުވެގެން އަތުވެއްޖެއެވެ.

މާމައަށް މިހިނގިކަންތައް އޮޅުންފިލުމުން ރުޅިމަޑުވެއްޖެއެވެ. އެ ރިސޯޓަކީ މާމަގެ ގާތް މީހެއްކަމަށްވާ އިބްރާހިމެއްގެ ދަރިއެއްގެ ރިސޯޓެއްކަން އެނގުނީމައެވެ. އަދި މާމަ އައިނު އަޅައިގެން ނިކަން ރަނގަޅަށް ޒިޔާން އަށް ބަލައިލި އެވެ.

“ދަރިފުޅާ، މިކޮޔަށް ދެރަޔެއް ނުދޭތި.” މާމަ ޒިޔާންގެ އަތުގައި ހިފަހަށްޓައިގެން ހުރެ ބުންޏެވެ.

“އާމިނަތޫ،” މާމަ މިނަމުން މާމަ ގޮވައިފި ނަމަ ކޮންމެވެސް ނަސޭހަތެއް ދޭނެކަން އެނގެއެވެ. “ކަލޭ ރަނގަޅަށް ކަނުލައި އަހާތި މާމަ މިބުނާ ބަސް. ތެދުވެރި ނޫންގޮތަކުން ހޯދާ ތަނަވަސްކަމެއްގެ އަގެއް ނުހުންނާނެ. ތެދުވެރިކަމަކީ ތިމާ މަރުން ވެސް ސަލާމަތް ކޮށްދޭނެ ކަމެއް.”

 

ސަންއައިލެންޑުގެ ދިގު ފާލަމުގައި އަހަރެން ހިނގަމުން ދިޔައިމެވެ. އެންމެ ކުރީގައި ހުރީ ޒިޔާންއެވެ. އަހަރެން ލާފައި ހުރި އަތްދިގު ރޫޖެއްސި ހެދުމަކާ މިތަނަކާ ނުގުޅޭކަން އަހަންނަށްވެސް ފާހަގަ ކުރެވެއެވެ. އެތައް އިރަކު ހިނގުމަށް ފަހު އެންމެ ފަހުން ފާލަމުގެ އަނެއް ކޮޅަށް އާދެވިއްޖެއެވެ.

ޒިޔާން އަަހަންނަށް އިޝާރާތް ކޮށްފައި އޭނާގެ އެހީތެރިޔާގެ ގާތު އެއްޗެއް ބުނުމަށްފަހު އެހެން ދިމާއަކަށް ހިނގައިގެންފިއެވެ.

އޭނާއާއެކު އަހަރެން ބަހުގައި ދިޔައިމެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިޔަކީ ރިސޯޓެއް ވެސް ނޫންތާއެވެ. އަހަރެން ހީކުރަނީ ރިސޯޓަކީ ވަރަށް ކުދި ރަށްތަކެއް ކަމަށެވެ. އެކަމަކު މިއީ ބޮޑު މާސަހަރެކެވެ.

ބަސް ގޮސް މަޑުކޮށްލީ ރަށުގެ އަނެއް ފަރާތުގައި އޮތް ފާލަމަކަށެވެ. އޭނާ އަހަރެންގެ ދަބަސް އަތުލައިގެން އަހަރެންގެ ކުރީގައި ހުރެގެން އެ ފާލަން މަތިން ހިނގަމުން ދިޔައެވެ. ފާލަމުގެ ދެފަރާތުގައި މޫދުގައި ކޮޓަރިތައް ހުއްޓެވެ. އަހަރެން ގެންދިޔައީ އެންމެ ދުރުގައި މޫދުގައި ހުރި ގެޔަށެވެ.

އެއީ ވަރަށް ހިތްގައިމު މުއްސަނދި ރީތި ބޮޑުގެޔެކެވެ. އަހަރެން ގޮވައިގެން ގޮސް އެގޭގެ ވަރަށް ރީތި ކޮޓަރިއެއް ހުޅުވާފައި އަހަރެންގެ ދަބަސް އެތަނަށް ލިއެވެ.

“މީ ތިބޭފުޅާގެ ކޮޓަރިކޮޅު.” އޭނާ ވަރަށް އަދަބުވެރި ކަމާއެކު ބުންޏެވެ. “ކަމަކަށް ބޭނުންވެއްޖެއްޔާ މި ނަމްބަރަށް ގުޅާލާ. ލައިން ލިބޭނީ 9 އަކުން. ”

މިހެން ބުނެފައި އޭނާ ނަމްބަރެއް ދީފައި ކޮޓަރީގެ ތަޅުދަނޑި އަހަންނާ ހަވާލުކޮށްފައި ހިނގައްޖެއެވެ.

އަހަރެންނަށް ހިނގައިގަންނަން ވެސް ނޭނގުނެވެ. ތަނެއްގައި އިށީންނާކަށް ވެސް ނުކެރުނެވެ. އެހާވެސް މިތަން ފުރިހަމަ އެވެ. އެތާނގައި ނެތީ ކޮން އެއްޗެއް ހެއްޔެވެ؟ މިއީ އަހަރެންނަށް ހުވަފެނުގައިވެސް ފެނިފައި ނުވާފަދަ ހިތްގައިމު ތަނެކެވެ.

އަހަރެން މީ އަބަދުވެސް އެއްޗެއްސާ ކުޅޭހިތްވާ މީހަކީމެވެ. ޖަކޫޒީއެއް ދުށީ އަލަށް ނަމަވެސް އެއީ ފެންވަރަން އެރޭ އެއްޗެއްކަން އަހަންނަށް ވިސްނިއްޖެއެވެ. އަހަރެން ފުރަތަމަ ފަހަރަށް ޖަކޫޒީއެއްގައި ފެންވަރާލައިފީމެވެ. ވީ އަރާމެއް ބުންނަވެސް ނޭނގުނެވެ. ދެރައީ މިހާ މުއްސަނދި ހިތްގައިމު ތަނަކާ ގުޅޭވަރުގެ ފެންވަރެއް އަހަރެންގެ ކިބައިގައި ނެތީމެވެ. އަހަރެންގެ އަތަކު މިތަނާ ގުޅޭކަހަލަ އެންމެ ހެދުމެއް ވެސް ނެތެވެ.

އަހަރެން އެކޮޓަރީގައި ހުރި ހެދުންލާ ކަބަޑު ހުޅުވައިލީމެވެ. އޭގައި ވަރަށް ރީތި އަންހެން ހެދުންތަކެއް ހުއްޓެވެ. އަހަރެން އޭގެ ތެރޭން ރީތި ހެދުމެއް ނަގައި ބަލާލީމެވެ. އެއީ އަހަރެންނަށް ހަމަ ހެޔޮވަރު ހެދުމެކެވެ. ހީވަނީ އަހަރެންގެ ގަޔަށް ކަނޑާފައިވާ ހެންނެވެ. އަހަރެން އެ ހެދުން ލައިފީމެވެ. އެ ހެދުން ރީތި ކަމުންނެވެ. ޑްރެސިންގ ޓޭބަލްގައި މޭކަޕަށް ބޭނުންވާ ހުރިހާ ސާމާނަކާއި އަގުބޮޑު ސެންޓުފުޅިތައް ހުއްޓެވެ. އަހަރެން ރީތިވެ ނިމުނު ތަނާހެން ޒިޔާން ޓަކި ޖަހާލާފައި އެތެރޭން ވަދެވެން ހުރި ދޮރެއް ހުޅުވައިލިއެވެ. އެވަގުތު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ މިހެދުން ލައިގެން އަހަންނަށް ހުރެވުނީމައެވެ.

“މިތަން ކަމުދޭތަ؟” ޒިޔާން ދޮރުހުޅުވާލުމަށްފަހު ހިނިތުންވެލާފައި އަހައިލިއެވެ. “މިއީ މީގެ ފަހުން އިސްރާގެ ކޮޓަރި. މިތާ ހުންނާނީ އިސްރާއަށް ހުރި އެއްޗެހި. އިސްރާގެ ވަޒީފާއަކަށް ވާނީ އަހަރެން ދައްކާ މަސައްކަތެއް.”

“އަޅުގަނޑު… ” އަހަރެންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އަހަރެން ވަނީ ފިނިވެފައެވެ. “އާދެ!..”

“ތިހާ ދުރުކޮށް އަހަންނާ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ.” ޒިޔާން ބުންޏެވެ. “ރޭގައި އިސްރާ ގޭގައި ވާހަކަ ދެއްކި ގޮތަށް މީގެފަހުން އަހަންނާ ވާހަކަ ދައްކާ. ތިޔަ ހެދުމުގައި އިސްރާ ފެންނަނީ ރެޔަށް ވުރެން އަދި މާ ރީތި ކަމަށް. ތިއީ އިސްރާއަށް ހުރި ހެދުންތައް.”

-ނުނިމޭ-

ޓެގު