English Edition
Dhivehi Edition

އަހަންނަށް ސައުދު ވިސްނައި ދިނެވެ. އޭނާގެ ހުރިހާ ބާރަކީ އޭނާގެ މުއްސަނދިކަމެވެ. އެކަން ވަގުތީ ގޮތުން ދުއްވައިލަނިކޮށް އޭނާ މަތަވެދާނެއެވެ. އޭނާގެ ބާރު ކެނޑިދާނެއެވެ.

އެހެންވެ ސައުދު ރޭވި ރޭވުމާ އެއްގޮތަށް އޭނާ ބުނާ ގޮތަށް އަހަރެން ކަންތައް ކުރަން ފަށައިފީމެވެ. އަދި އޭނާގެ އެދުމުގެ މަތީން ޒިޔާންގެ ކޮމްޕިއުޓަރުގެ ޕާސްވޯރޑް އަހަރެން ދިނީމެވެ. އަދި އެނޫންވެސް ޒިޔާންގެ ބެންކް އެކައުންޓްގެ ތަފުސީލު ސައުދުއާ ހިއްސާ ކުރީމެވެ. ސައުދު ބުނީ ވަގުތީ ގޮތުން އެ އެކައުންޓް ތައް ފްރީޒް ކޮށްލާނީ ކަމަށެވެ. އޭނާގެ ބާރު ކެނޑުމުން އަހަރެމެން ކާވެނީގެ ކަންތައް ކުރިޔަށް ގެންދާނީ ކަމަށެވެ. އޭގެފަހުން އެ ފައިސާތައް އަނބުރާ ދައްކާނީއެވެ. އަހަރެން އެރޭވުމާ އެއްބަސްވީ އޭނާ މިހެން އަހަންނަށް ވިސްނާ ދިނީމައެވެ.

ހީވެސް ނުކުރާހައި އަވަހަށް ޒިޔާންގެ ފައިސާގަނޑު ސައުދު ހިންދާލައިފި އެވެ. އެ ހުރިހާ ފައިސާތަކެއް އޭނާ ބޭރުގެ ބޭންކެއްގައި އެކައުންޓެއް ހުޅުވައި އެއަށް ބަދަލު ކޮށްލައިފިއެވެ.

ޒިޔާންއަށް ވީނުވީއެއް އެނގުނު އިރު އޭނާގެ މިލިއަނުން ހުރި ޑޮލަރުތައް އާތްވަށް އަރައިގެން ހިނގައްޖެއެވެ. އޭނާގެ ފަހަތުން ހިއްސާދާރުން ދުވަން ފަށައިފިއެވެ. އޭނާއަށް ގޮތް ހުސްވެ މުޅީން ހުލިވެއްޖެއެެވެ.

މިހާރު ސައުދުއާއި އަހަރެންނާ ދެމެދު ހުރަސް އަޅާކަށް ޒިޔާންގެ ކިބަޔަކު ބާރެއް ނެތެވެ. އެހެންވެ އަހަރެން ވަޒީފާއިން ވަކިވާން ހުށަހަޅައިފީމެވެ. އަހަރުމެންގެ މުޅި އުމުރު ދުވަހު އެއްވެސް މަސައްކަތެއް ނުކޮށް އުޅެވޭނެ ފައިސާ ސައުދުގެ އަތުގައި ހުރިކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއީ ޒިޔާންގެ ފައިސާ ކަމެއް އޭރަކު އަހަންނަކަށް ނުވިސްނެއެވެ.

ސައުދުއާ ގުޅިގެން އަހަންނަށް މި ކުރެވުނު ކަންތަކުގެ ބުރަދަން ވިސްނުނީ ޒިޔާންއަށް ދިމާވި ކުއްލި ނިކަމެތިކަން ފެނިފައެވެ. އޭނާ ދިރިއުޅުނު ބަނގަލޯއިން ނުކުންނަށް ޖެހިއްޖެއެވެ. އޭނާގެ އަތްމަތި މުޅީން ހުސްވެއްޖެއެވެ. އޭނާ ވަގުތުން އެރަށުން ދާން ވެސް ޖެހިއްޖެއެވެ.

ޒިޔާންއަށް މިހެން ދިމާވީ އަހަރެންގެ ފުށުންކަން އޭނާއަކަށް ކުޑަކޮށްވެސް ނޭނގެއެވެ. އޭނާ ފުރައިގެން ދިޔުމުގެ ކުރީގައި އަހަންނާ ބައްދަލު ކުރިއެވެ.

“އިސްރާ.” އޭނާ އަހަރެންނަށް ގޮވައި ގެނަސްފިއެވެ. “އަހަރެންގެ އަތްމަތި މިވަނީ މުޅީން ހުސްވެފަ. ދަރަނިވެރިވެފަ. އެކަމަކު އަހަރެންގެ ހިތެއް ހުހެއް ނުވޭ.”

އަދިވެސް އޭނާ ބުންޏެވެ. ” އަހަރެން އިސްރާގެ ގާތުން ކަމަކަށް އެދެން ހުންނަތާ ކިތަންމެ ދުވަހެއް. އަހަންނަކަށް އިސްރާއާ ނުލައި ދިރި އުޅުމަކީ ދަތި ކަމެއް. އަހަރެންގެ މުވައްޒިފެއް ވީމާ ކުރީގައި މިވާހަކަ ނުބުނީ. އަދި އެކަމަކު އިސްރާ އެދިގެން ތިޔަ ވަނީ ވަޒީފާއިން ވަކިވެފަ. އަހަރެން މިއެދެނީ އިސްރާގެ ކާވެންޏަށް. އިސްރާ ގަބޫލު ނަމަ އޭގެ ޖަވާބަކަށް އިންތިޒާރު ކުރާނަން.”

އަހަރެން އެއްޗެއް ނުބުނަމެވެ. ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ. ޒިޔާންއަކީ މިއަދު ތަނަވަސް ކަމެއް ނެތް ދަރަނިވެރިޔެކެވެ. ސައުދު އެއީ މަލްޓި މިލިއަނަރެކެވެ.

އަހަރެން އަބަދުވެސް ބުނަނީ ހުރިހާ އެއްޗަކީ ފައިސާއެއް ނޫން ކަމަށެވެ. އެކަމަކު އަހަންނަށް މިއަދު މި ދެވެނީ އެދިމާއަށެވެ. ކުށެއްނެތް ބޮޑު ހިތެއްގެ ވެރިޔަކަށް ފުރަގަސް ދީފައެވެ. އަދި އަހަންނަށް އެހާ އޯގާވެރިވި އިންސާނަކަށް ބޮޑު ލަނޑެއް ދީފައެވެ. ހިތުގެ ފުންމިނުން އަހަންނަށް އިތުބާރު ކުރިމީހާގެ އިތުބާރު ނަގާލައިފައެވެ. މީހެއްގެ އަތުން މިލިއަން ޑޮލަރު ފޭރިގަތް މީހެއްގެ ފަހަތުންނެވެ. އަހަރެން މީ ކޮންކަހަލަ އިހްސާންތެރިކަމެއް ނެތް އިންސާނެއް ހެއްޔެވެ؟ އަމިއްލަ އެދުމުގެ ފަހަތުން އެހައި އަވަހަށް ދުއްވައިގަތީ ދުރުން މީހަކު ދައްކާލި ދަޅައަކާ ހެދިއެވެ. ޒިޔާންއަކީ އިންސާނެއްގެ ސިފައިގައި ހުރި މަލާއިކަތެކެވެ. އަހަރެންނާ ފުރަތަމަ ދިމާވި ރޭވެސް އޭނާގެ ކިބައިން ފެނިގެން ދިޔައީ އެ މަންޒަރެވެ. އެ ސޫރައެވެ. އޭނާ ބޭނުން އިރަކު ބޭނުން ގޮތެއް ހަދަން އޭނާގެ އަތުތެރޭގައި ބަލިކަށި ލިލީ މަލެއްގެ ގޮތުގައި އަހަރެން އޮތް އިރުވެސް ފިޔަޔަކަށް ފަތަކަށް ކުޑަވެސް ގެއްލުމެއް ނުދިނެވެ. އޭނާގެ މުވައްޒިފަކަށް ވީތީ އޭނާގެ ހިތުގެ ޝުއޫރުތައް އޮބަހަށްޓައިގެން މިއޮތްހާ ދުވަހު އެ ކެތްކުރީއެވެ. އެފަދަ މީހަކު އަހަރެން ހޯދާނީ ކޮންތާނކުން ހެއްޔެވެ؟ އަހަރެންގެ ފުށުން އޭނާއަށް ލިބުނު ގެއްލުން ފޫބައްދައި ދޭނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލުތައް ހިތުގައި ގިނަވުމުން އަހަރެން އެތަނުން ދުވެފައި ހިނގައްޖެއީމެވެ.

ޒިޔާން ހިނގައްޖެއެވެ. އަހަންނާ ސައުދުގެ ގުޅުން ކުރިޔަށް ވުރެންވެސް ގާތްކޮށް ކުރިޔަށް ދާން ފަށައިފިއެވެ. އެކަމަކު ޒިޔާންއަށް ފޯނުކޮށް އޭނާގެ ޚަބަރު ބަލާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ.

ސައުދު ދައްކަމުން ދިޔަ ވާހަކައިން އޭނާގެ އެތެރެފުށުގައި ހުރި ނޭތްގާނިކަމާއި ނުރައްކާތެރިކަން އަހަރެންގެ ހިތުގެ ލޮލަށް ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. އަހަންނަށް މި ދެވެނީ ރަހުމެއްގެ ކަންފުޅެއްވެސް ނެތް އިންސާނެއްގެ ގާތަށެވެ. ޝައިތާނެއް ފަދަ ނުރައްކާތެރި މީހެއްގެ ފަހަތުންނެވެ. ވިޔަސް ވެސް އަހަރެން ސައުދުއާ އިތުރަށް ގުޅުން ބަދަހި ކުރަމުން ގެންދިޔައިމެވެ. އޭނާގެ ހިތް މުޅީން ފަތަހަ ކުރީމެވެ.

އެއަށްފަހު ސައުދު އަހަންނަށް އެއްކަމެއްވެސް ފޮރުވާކަށް ނަހަދައެވެ. ބޭންކް އެކައުންޓު އޭނާ ބަދަލު ކުރާ ގޮތާއި ކޮމްޕިއުޓަރ ހެކް ކުރާ ގޮތް އަހަންނަށް ދައްކައިދިނެވެ. އެހެންކަމުން އެރޮނގުން އަހަންނަށް އެތަކެއް ހުނަރުތައް ދަސްކޮށްދިނެވެ.

އަހަރެން ބޭނުން ހުރިހާ މައުލޫމާތެއް ލިބުމުން އަހަރެން ޗުއްޓީއަކަށް ދަނީ ކަމަށް ބުނެ މާލެ ހިނގައްޖެއީމެވެ.

އަހަރެންގެ އެންމެ މުހިންމު މަސައްކަތަކަށް މިހާރު އޮތީ ސައުދުގެ ކޮމްޕިއުޓަރަށް ވަދެ ޒިޔާންގެ އެކައުންޓު އަލުން އިޔާދަ ކޮށްދިނުމެވެ. އަހަރެން ކާމިޔާބު ކަމާއެކު ސައުދުގެ ކޮމްޕިއުޓަރެއް ވަނުމަށްފަހު ޒިޔާންގެ ފައިސާ ލާފައި ހުރި އެކައުންޓު ގެއްލުވާލީމެވެ. އެހެންނަމަވެސް ޒިޔާންގެ ޕާސްވޯޑް ބަދަލުކޮށްފައި ވާތީ އަހަންނަކަށް އެ އެކައުންޓު ޒިޔާންއަކަށް ބަދަލުކޮށެއް ނުދެވުނެވެ.

އަހަރެން ޒިޔާންއާ ގުޅަން އުޅެ އެކަމެއް ކާމިޔާބެއް ނުވިއެވެ. އެނަމްބަރަކީ މިހާރު ބޭނުން ކުރާ ނަމްބަރަކަށް ނުވިއެވެ.

އެހެންނަމަވެސް ޒިޔާން ފެނޭތޯ އަހަރެން ކުރި މަސައްކަތް ހުއްޓައެއް ނުލަމެވެ. އެކިމީހުން ކުރެން އަހައި އޮޅުން ފިލުވޭތޯ އުޅުނީމެވެ. އެހެން އުޅެނިކޮށް މީހަކު އަހަންނަށް ގުޅާފައި ޒިޔާން އަހަންނާ ބައްދަލު ކުރަން ބޭނުން ކަމަށް ބުނެފިއެވެ. އެހެންވެ އަހަރެން އެބުނިތަނަށް އަވަހަށް ހިނގައްޖެއީމެވެ.

އެއީ ދިހަބުރީގެ އިމާރާތެކެވެ. ވަރަށް ބޮޑަށް ރައްކާތެެރި އެކަހެރި ތަނެކެވެ. އެއްވެސް ކަހަލަ އަޑެއް ބޭރަށް ނީވޭގޮތަށް ހަދާފައި ހުރި ޒަމާނީ ކޮޓަރިއެވެ. އަހަރެން ގޮސް ވަތް އިރު އެތަނުގައި ހުރީ ޒިޔާނެއް ނޫނެވެ. އެތާ ހުރީ ސައުދުއެވެ. އޭނާއާއެކު ފާޑެއްގެ އަންހެން ކުއްޖަކު ވެސް ހުއްޓެވެ. އެކުއްޖާ ހުރީ ކޮންމެވެސް ކަހަލަ މަސްތުކަމެއްގެ ތެރޭގައިކަން އެނގެއެވެ.

އެތަނުގައި ހުރި ސާމާންތައް ފެނުމުން މިޔަކީ ސަމާސާއެއް ނޫންކަން އަހަންނަށް އެނގިއްޖެއެވެ. އެތަނުގައި ބޮކްސް ކަޓަރާއި، ތިނޯހާއި ސުތުލި ވާތަކާއި ކަރަންޓު ދޭ ފަދަ އާލާތްތަކާއި ޑަކްޓް ޓޭޕުރޯލުތައް ހުއްޓެވެ. އަދި ވަރަށް ބޮޑު ސޫޓްކޭސްއެއް ވެސް ހުއްޓެވެ.

ކުރީކޮޅު ސައުދު ވާހަކަ ދެއްކީ އަހަރެން ރުއްސޭތޯއެވެ. އަހަރެންނާ ކާވެނިކޮށްގެން ރާއްޖޭން ބޭރަށް ފުރައިގެން ދާން ތައްޔާރުކޮށްފައިވާ ވާހަކައެވެ. ލަސްނުކޮށް އޭނާގެ އެކައުންޓު އަނބުރާ ދިނުމަށް އެދިއެވެ.

“އިސްރާ އަށް ކުޑަވެސް އަނިޔާއެއް ދިނުމަކީ އަހަރެންގެ މަގުސަދެއްނޫން. އެހެންނަމަވެސް މިކަންތައް ކުރީ އިސްރާ ނޫން އެހެން މީހަކު ނޫންކަން ޔަގީން. އަހަރެންގެ އެހާވަރުގެ ސިއްރެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެ. އަހަރެންގެ ޕާސްވޯރޑް ދެވަނަ އިންސާނަކަށް ދުވަހަކުވެސް ނުދެން.“

އަހަރެން ލެޕްޓޮޕްގެ ޕާސްވޯޑް ދޭން ދެކޮޅުހެދުމުން ސައުދު އެ އަންހެން ކުއްޖާއަށް އިޝާރާތެއް ކޮށްލިއެވެ.

-ނުނިމޭ-

ޓެގު